ޚަބަރު

"ހުރިހާ ޤައުމެއްގެ މައްޗަށް ހަމަހަމަކަމާއެކު ބައިނަލްއަޤްވާމީ ޤާނޫނު ހިންގަންޖެހޭ"


  • ޤައުމުތަކުގެ ސިޔާސީ މަޞްލަޙަތު ކުރިއަށް ނެރޭހާ ހިނދަކު އިސްރާއީލު ޖަވާބުދާރީ ނުކުރެވޭނެކަމަށް ވިދާޅުވި

  • ފަލަސްތީނު މިނިވަން ނުވާހާ ހިނދަކު ދިވެހިރާއްޖޭގެ މަސައްކަތް ހުއްޓާނުލާނޭކަމަށް ވިދާޅުވި

ބައިނަލްއަޤްވާމީ ޤާނޫނަކީ މާނައެއް ހުރި އެއްޗަކަށް ހެދޭނީ ހުރިހާ ޤައުމެއްގެ މައްޗަށްވެސް އެ ޤާނޫނު ހަމަހަމަކަމާއެކު ހިންގިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތުރުކީގެ ދަޢުލަތުގެ މީޑިއާ އޭޖެންސީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހުން ފެށިގެން ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހިލާފަށް އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލު ޢާންމު ހުއްޓުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢު ނުކުޅެދިފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނަކީ މާނައެއް ހުރި އެއްޗަކަށް ހެދުމަށް، އެ ޤާނޫނު ހުރިހާ ޤައުމެއްގެ މައްޗަށް ހަމަހަމަކަމާއެކު ހިންގަންޖެހޭނެކަމަށެވެ. އަދި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ބަލައިނުގަނެވޭނެކަން އެ ޤައުމަށް އަންގައިދިނުމަށްޓަކައި، ސިޔާސީ ޕްރެޝަރާއި ހަރުދާނާ ފިޔަވަޅުތަކުގެ ޒަރީޢާއިން އެ ޤައުމު ޖަވާބުދާރީކުރުވަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުގައި ދިވެހި ސަރުކާރުން މިހާތަނަށް އެޅި ފިޔަވަޅުތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އިސްރާއީލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރުމާއި، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުލާފައިވާކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއިން ފަލަސްތީނުގެ ހައްޤުގައި ޕަލަސްތީނުގެ ޕާސްޕޯޓުވެސް ވާނީ ބޭންކޮށްފަ. މީގެ އިތުރުން، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ގޮވާލުމާއި، އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބުމަށް ތާއީދުކުރުން ކުރިއަށް ގެންދާނަން. ފަލަސްތީނު މިނިވަން ނުވާހާ ހިނދަކު ދިވެހިރާއްޖޭގެ ވާޖިބު ފުރިހަމަވީކަމަކަށް އަޅުގަނޑު ނުދެކެން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އިސްރާއީލާއި ދެކޮޅަށް ދިވެހިރާއްޖެ ފަދަ ކުޑަ ޤައުމަކުން ހަރުދަނާ ފިޔަވަޅުތައް އެޅިކަމުގައިވީނަމަވެސް ޤައުމުތަކުން އެމީހުންގެ ސިޔާސީ މަޞްލަޙަތު ކުރިއަށް ނެރެހާހިނދަކު އިސްރާއީލުން ހިންގާ ޖަރީމާތައް ޖަވާބުދާރީ ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ރައްކާތެރިކުރުމަށް މެކޭނިޒަމްތައް ހުރި ނަމަވެސް، ބާރުގަދަ ޤައުމުތަކުން އިސްރާއީލު ސަލާމަތްކުރާއިރު، މި މެކޭނިޒަމްތައް ބަލިކަށިވެ، އިންސާފު ލަސްވަމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުދި ޤައުމުތަކަށް ފަލަސްޠީނުގެ ހައްޤުގައި ވާހަކަދެއްކުމުގެ މިނިވަންކަން ލިބެނީ އެ ޤައުމުތައް ބޮޑެތި ބާރުތަކުގެ މަޞްލަޙަތުތަކަށް ބަރޯސާވެފައި ނުވާތީކަމަށެވެ. އަދި ޙަޤީޤީ ސިޔާދަތު މިންކުރެވޭނީ ޤައުމެއްގެ ބޮޑުމިނުން ނުވަތަ އަސްކަރީ ބާރުން ނޫން ކަމަށާއި، އެކަން މިންކުރެވޭނީ ޕްރެޝަރުގެ ދަށުގައިވެސް އަމިއްލަ ޟަމީރަށް ވަފާތެރިވުމުގައި ދެމިހުރުމުންކަމަށް ރައީސް ވިދާޅުވިއެވެ.