މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު ތ. ހިރިލަންދުއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކޮށް، ދޯނިތަކުގައި ބަހައްޓާފައިވާ އައިސް އުފައްދާ، އާރްއެސްޑަބްލިއު ސިސްޓަމްތައް ބޭނުންކުރާ ގޮތް ބައްލަވައި، މަސްވެރިންގެ ތަޖުރިބާ އޮޅުންފިލުއްވައިފިއެވެ.
މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދެއްވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރައްވާ މަސައްކަތެކެވެ.
ސަރުކާރުން މަސް ދޯނިތަކަށް، މަސް ފިނި ކުރާ ނިޒާމު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އާރްއެސްޑަބްލިއު ސިސްޓަމް ދޫކުރުމަށް ހޮވުނު އެންމެ ގިނަ އުޅަނދުތައް ނިސްބަތް ވަނީ ހިރިލަންދޫއަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ހިރިލަންދުއަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނާއި ޓީމުން ވަނީ، އާރްއެސްޑަބްލިއު ސިސްޓަމްތަކުގެ މުހިންމުކަމުގެ އިތުރުން، މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ސިސްޓަމުގެ ސަބަބުން ދޯނިތަކުން ބާނާ މަސް، ކިރުވެންދެން ފެންވަރު އެއްވަރެއްގައި ހިފެހެއްޓި، އިތުރު ފަސޭހަތަކެއް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު އާރުއެސްޑަބްލިޔު ސިސްޓަމްތަކުގެ މަޝްރޫޢަށް ފަންޑުކޮށްދެއްވި ފަރާތްތަކުން ވަނީސިސްޓަމްތައް ޤާއިމްކޮށްފައިވާ ދޯނިތަކަށް އަރައި، އެ ސިސްޓަމްތައް މަސައްކަތްކުރާގޮތް ގާތުން ބައްލަވައިލައްވާފައެވެ.
ދޯނިތަކުގެ މަސްވެރިން ވަނީ މި ސިސްޓަމްތަކުގެ ސަބަބުން މަހުގެ ފެންވަރު ދެމެހެއްޓުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެފައިވާކަމަށް ބުނެފައެވެ. އެމީހުން ފާހަގަކުރިގޮތުގައި، މި ސިސްޓަމުގެ ސަބަބުން މަސް ރައްކާކުރުމަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދިޔަކަން ފާހަގަކުރިއެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގެތެރެއިން މަސްވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ފޯރަމެއްވަނީ ބާއްވާފައެވެ. މި ފޯރަމްގައި މަސްވެރިކަމުގެ މުސްތަޤްބަލާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމުގެ މުހިންމުކަމާ ބެހޭގޮތުން މަޢުލޫމާތުބަދަލުކުރިއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވީ، ރަށުގައި ހުރި މަސްވިއްކާ ތަންތަނަށް ވަޑައިގެން އެތަންތަން މަސައްކަތްކުރާ ގޮތްތައް ބައްލަވައިލެއްވުމަށްފަހުއެވެ. މި ބައްދަލުވުންތަކުގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބި، ރާއްޖޭގެ މަސްވެރިންނަށް ފާގަތި މުސްތަޤްބަލެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން އުންމީދުކުރައްވައެވެ.