ޚަބަރު

މާމިގިލީގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް އިމާރާތްކުރުން އާރްޑީސީއަށް


  • 5 ކްލާސްރޫމާއި މަލްޓިޕަރޕަސް ސެމިނަރ ހޯލެއް ހިމެނޭނެ

  • ދަރިވަރުންގެ ދަނާލެއް މުވައްޒަފުންގެ އަކޮމަޑޭޝަން ބްލޮކެއް ހިމެނޭނެ

އދ. މާމިގިލީގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް އެކުންފުންޏަ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އދ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމިގިލީގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމެވެ.

އދ. މާމިގިލީގައި ތަރައްޤީކުރާ އައިޔޫއެމް ކެމްޕަހުގައި އިދާރީ އޮފީހަކާއި ލައިބްރަރީއަކާއި 5 ކްލާސްރޫމާއި މަލްޓިޕަރޕަސް ސެމިނަރ ހޯލެއް ހިމެނޭނެކަމަށް އައިޔޫއެމްއިން ވިދާޅުވިއެވެ. މީގެ އިތުރުން މި ކެމްޕަހުގައި މުވައްޒަފުންގެ އަކޮމަޑޭޝަން ބްލޮކެއްވެސް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އައިޔޫއެމުން ވިދާޅުވީ މި މަޝްރޫޢުގެ ތެރޭގައި ދަރިވަރުންގެ ދަނާލަކާއި ރެކްރިއޭޝަން ފެސިލިޓީއެއްގެ އިތުރުން ކެންޓީނެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިއީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމުގެ ކެމްޕަސް ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ތަޞައްވުރު ހަގީގަތަކަށް ހެދުމަށް ފެށޭ މުހިންމު މަސައްކަތެކެވެ.

މީގެ އިތުރުން މިއީ މިއަހަރުގެ ދައުލަތުގެ ބަޖެޓްގެ ޕަބްލިކް ސެކްޓަރ އިންވެސްޓް ޕްރޮގްރާމް، ޕީ.އެސް.އައި.ޕީގައި ހިމެނިގެން، ކުރިއަށް ގެންދާ މަޝްރޫޢެކެވެ.

މި ކެމްޕަސް ގާއިމުކުރުމަށް 22000 އަކަފޫޓުގެ ބިމެއް މާމިގިލީ ކައުންސިލުން ވަނީ އައި.ޔޫ.އެމްއަށް ކަނޑައަޅުއްވާ ދެއްވާފައެއެވެ.

މާމިގިލީގައި އައިޔޫއެމްގެ ކެމްޕަހެއް ތަރައްޤީކުރުމަށް ނިންމާފައިވާއިރު އެ ޔުނިވަރސިޓީން މިހާރުވެސް އަންނަނީ އެ ރަށުގައި ޤުރުއާނުގެ ދާއިރާއިންނާއި ޓީޗަރުންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގަމުންނެވެ.