ޚަބަރު

ބްރެޒިލްގެ ކޮރިންތިއަސްގައި މަޑުކުރަން ޑިޕާއީ މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ


  • އާ އެއްބަސްވުމުގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް ކްލަބްގައި މަޑުކުރާނެ

ބްރެޒިލްގެ ކޮރިންތިއަސްގައި މަޑުކުރަން ނެދަލެންޑްސްގެ ފޯވާޑް މެމްޕިސް ޑިޕާއީ މުސާރަ ކުޑަކުރަން އެއްބަސްވެއްޖެއެވެ. ޑިޕާއީ މުސާރަ ކުޑަކުރަން އެއްބަސްވީ އޭނާގެ މުސާރައިގެ ސަބަބުން ކޮރިންތިއަސްއަށް އެއްބަސްވުން އާކުރެވެން ނެތުމުންނެވެ.

ޑިޕާއީ މުސާރަ ކުޑަކުރަން އެއްބަސްވުމުން, ކޮރިންތިއަންސް އިން މިހާރު ވަނީ ޑިޕާއީ ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. ކްލަބްގެ ރައީސް އޮސްމާ ސްޓަބައިލް ބުނީ މިހާރު ޑިޕާއީ އެއްބަސްވެފައިވާ މުސާރައަކީ ކްލަބަށް ދެވޭނެވަރުގެ އަދަދެއް ކަމަށެވެ. ނަމަވެސް އެއަދަދެއް ކްލަބަކުން ނުބުނެއެވެ. އެކަމަކު ރިޕޯރޓްތައް ބުނާގޮތުން 75 މިލިއަން ޑޮލަރު 21 މިލިއަން ޑޮލަރަށް ކުޑަކުރަން ވަނީ އެއްބަސްވެފައެވެ.

ޑިޕާއީ އެންމެފަހުން 2024 ވަނަ އަހަރު ސޮއިކުރީ ދެ އަހަރުގެ އެއްބަސްވުމެއްގައެވެ. އެކަމަކު އާއެއްބަސްވުމަކަށް ދިއުމަށް ޑިޕާއީ ބޮޑު މުސާރައަކަށް ޑިމާންޑްކުރި ކަމަށް ރިޕޯރޓްތައް ބުނެއެވެ. ކްލަބްގެ މާލީ ހާލަތާއެކު ކްލަބުން އޭރު ނިންމީ ޑިޕާއީ ދޫކޮށްލާށެވެ. ކްލަބްގެ ރައީސް ބުނީ މިހާރު ހުރިހާކަމެއް ދަނީ ރަނގަޅަށް ކަމަށާއި, ބައިނަލްއަޤްވާމީ ތަރިއެއްގެ ކަންކަން އެހާ އަވަހަށް ނުނިމޭނެ ކަމަށެވެ. ވަގުތު ނެގިޔަސް ހުރިހާކަމެއް ދަނީ ރަނގަޅަށް ކަމަށް ކްލަބުން ބުންޏެވެ. ޑިޕާއީ އެއްބަސްވުން އާކުރަނީ 2028 ވަނަ އަހަރުގެ ނިޔަލަށް ކްލަބްގައި މަޑުކުރުމަށެވެ.

ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު ޑިޕާއީ އެންމެ ފަހުން ވަރލްޑްކަޕް ސްކޮޑްގައި ހިމެނުނެވެ. އެކަމަކު ތިން މެޗުން އޭނާއަށް ގޯލެއް ނުޖެހެއެވެ. އެކަމަކު ނެދަލެންޑްސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިއަކީ ޑިޕާއީ އެވެ. 32 އަހަރުގެ ފޯވާޑް ކޮރިންތިއަސް އަށް ކުޅުނު 79 މެޗުން ޖެހިފައިވަނީ 20 ގޯލެވެ. ކޮރިންތިއަސްއާއެކު ދެ ތަށި ވަނީ ހޯދާފައެވެ. އެކަމަކު ބްރެޒިލް ލީގުގައި އެޓީމް އޮތީ 9 ވަނައިގައެވެ.