މީޑިއާ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން، އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އިން "ޕީސް ޖާނަލިސްޓް"ގެ ނަމުގައި ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މީޑިއާގެ ދައުރު ހަރުދަނާކޮށް، މެދުމިނުގައި ހިފެހެއްޓުމާއި، ކެތްތެރިކަމުގެ ރޫޙު އާލާކުރުމަށް ބާރުއެޅުމެވެ.
ތަމްރީނު ޕްރޮގްރާމު ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި ދިފާއީ ވުަޒީރުގެ ނައިބު ފާތިމަތު މިޒްނާ އަލީ ވަނީ މިފަދަ ޕްރޮގްރާމެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"މިއަދުގެ ޑިޖިޓަލް ޒަމާނުގައި، މަޢުލޫމާތު ދައުރުވަނީ އަހަރެމެންނަށް ޚިޔާލުކުރެވޭވަރަށްވުރެ މާ ބާރު ސްޕީޑެއްގައި. އެހާ އަވަހަށް. ހިތާމައަކީ، ދޮގު މަޢުލޫމާތާއި، ޕްރޮޕެގެންޑާ އަދި ނަފްރަތުގެ ބަސްތައްވެސް ހަމަ އެހާމެ އަވަހަށް ފެތުރެމުންދާކަން. ވަކިވަކި ގްރޫޕްތަކުން ޙަޤީޤަތް އޮޅުވާލުމަށް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާކަން. ވުމާއެކު، މިތަނުގައި ނޫސްވެރިންނަކީ އަހަރެމެންގެ އިސް ދިފާޢީ ބަޔަކަށްވާއިރު، ރަނގަޅު ވަސީލަތްތަކާއެކު، އަހަރެމެންނަށް ނަފްރަތުގެ ބަސްތައް ނައްތާލެވިދާނެ." ދިފާއީ ވަޒީރުގެ ނައިބު ފާތިމަތު މިޒްނާ އަލީ ވިދާޅުވިއެވެ.
ދިފާއީ ވުޒާރާއިން ވިދާޅުވީ، "ޕީސް ޖާނަލިސްޓް" އަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ހައްދުފަހަނައަޅާފައިވާ ވާހަކަތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މީޑިއާގެ ދައުރާ ގުޅޭގޮތުން މަޢުލޫމާތު ދީ ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. އަދި މިޕްރޮގްރާމުން ސުލްޙައާއި އެކުވެރިކަމަށް ވަކާލާތުކުރާ ބާރުގަދަ މީޑިއާތަކެއް އުފެއްދިގެންދާނެކަމަށެވެ.
މީގެއިތުރުން، ޕްރޮގްރާމުގެ ބައިވެރިންނަށް ޒަމާނީ މީޑިއާގެ ވަސީލަތްތަކާއި، ސުލްޙައަށް ބާރުއަޅާ މީޑިއާގެ މެސެޖުތައް އުފެއްދުމަށް ބޭނުންވާ އަސާސީ ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދެވިގެންދާނެކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވިއެވެ.
"ޑިޖިޓަލް މީޑިއާގައި ހައްދުފަހަނައަޅާފައިވާ ވާހަކަތަކާއި ނަފްރަތުގެ ބަސްތައް ދެނެގަތުމާއި، އެކަމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ވިސްނުންތެރި ޓެކްނޮލޮޖީތަކާއި ވަސީލަތްތައް" މިނަމުގައި މިތަމްރީން ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ޕްރޮގްރާމަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އައިއެމްސީޓީސީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.