ޚަބަރު

ޔަމާލް އަށް ލިބުނު އަނިޔާގެ ސަބަބުން ސްޕެއިން ޓީމުން ބާކީކޮށްފި


ވޯލްޑްކަޕް ކޮލިފައިންގައި އަންނަ ހަފްތާގައި ސްޕެއިން ކުޅޭ ދެ މެޗުގައި ބާސެލޯނާގެ ފޯވަޑް ލަމީން ޔަމާލް އަށް ނުކުޅެވޭނެކަމަށް ބާސެލޯނާ އިން ބުނެފި އެވެ.

އުމުރުން 18 އަހަރުގެ ޔަމާލް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ކުޅުމާއި ދުރުގައި ހުރުމަށްފަހު މިދިޔަ ހަފްތާގައި ލަލީގާގައި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް ސޮސިއެޑާޑް ކުޅުނު މެޗުގައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފަ އެވެ.

ނަމަވެސް ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ޔަމާލްގެ އަނިޔާ އިތުރަށް ގޯސްވެފައިވާތީ މަދުވެގެން ދެ ހަފްތާއަށް އޭނާ ކުޅުމާއި ދުރަށް ދާން ޖެހިފައިވާ ކަމަށް ބާސެލޯނާގެ ޑޮކްޓަރުންނާއި ހަވާލާދީ އެ ކްލަބުން ވަނީ ބުނެފަ އެވެ.

އެހެންކަމުން ސްޕެނިޝް ލަލީގާގައި މާދަމާ ސެވިއްޔާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ލަމީން ޔަމާލް އަށް ނުކުޅެވޭނެ އެވެ.

ސްޕެއިންގެ ގައުމީ ޓީމާއިއެކު ލަމީން ޔަމާލް އެންމެ ފަހުން ކުޅުނު މެޗުގައި ކުޅުންތެރިޔާއަށް އަރާމު ކުރަން ފުރުސަތު ނުދޭ ކަމަށް ބުނެ ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ.

ސްޕެއިން އަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށާއި ނަމަވެސް ލީގުގައި ގިނަ މެޗުތަކެއް ކުޅޭ ބާސެލޯނާގެ ކުޅުންތެރިންނަށް ބެލުމެއްނެތި އެ ކުޅުންތެރިން ބޭނުންކުރަމުންދާ ކަމަށް ބުނެ ފްލިކް ވަނީ ސްޕެއިންގެ ކޯޗު ލުއިސް ޑެލަފުއެންޓޭ އަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.