ޚަބަރު

އައްޑޫ ސިޓީގައި ފެށި "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމް ނިންމާލައިފި


  • ތަމްރީންތައް ނިންމާލުމަށްފަހު ބައިވެރިންނަށް ވަނީ ސެޓްފިކެޓެއް ދީފައި

  • މި ޕްރޮގުރާމްގައި އައްޑޫސިޓީގެ އެކި ރަށްތަކުން ޖުމުލަ 37 މީހުން ބައިވެރިވި

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ރައްޔިތުން ހޭލުންތެރިކުރުމަށް އައްޑޫ ސިޓީގައި ފެށި "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގުރާމް ނިންމާލައިފިއެވެ. މިއީ އަތޮޅުތަކުގައި މިގޮތަށް ކުރިއަށްގެންދިޔަ 3 ވަނަ ޕްރޮގުރާމެވެ.

ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ސިލްސިލާ ގޮތެއްގައި ހިންގާ މި ޕްރޮގްރާމަކީ, އެ ޕްރޮގްރާމެއް އަމާޒު ކުރާ އަތޮޅުތަކަށް ނިސްބަތްވާ އޮންލައިން އަދި ބްރޯޑްކާސްޓް މީޑިއާ އަދި ނޫސްވެރިންގެ އިތުރުން އިޖުތިމާޢީ މަސައްކަތް ކުރާ ޖަމްޢިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތަކަށް ބޭނުންތެރި ދާއިރާތަކުން ޢިލްމީ ފެންވަރުގައި މަޢުލޫމާތު ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމްގެ މަޤުޞަދަކީ ދޮގު ޚަބަރާއި މަޢުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި، މީޑިއާއަށް ވިލުންތެރި މަސައްކަތްތެރިން އުފެއްދުމެވެ.

މި ޕްރޮގްރާމް ނިންމުނުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ކޮންމެ މީހަކަށްވެސް ނޫސްވެރިއަކަށް ވެވިދާނެކަމަށާއި އެމީހަކު ބޭނުންވާ މެސެޖު ފޯރުކޮށްދިނުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެގޮތުން ދުނިޔޭއަށް ބަލާއިރު ހަބަރު ފެތުރުމުގައި މީޑިއާއަށްވުރެއް ވަކި ވަކި މީހުންގެ ނުފޫޒުގަދަކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ. އެގޮތުން ސޯޝިއަލް މީޑިއާގެ އެކި ޕްލެޓްފޯރމްތަކުގައި ހިއްސާކުރާ މެސެޖު މުޅި ދުނިޔޭގެ ސަމާލުކަމަށް އަންނަ ފަހަރުވެސް މަދު ނޫންކަމަށް މޭޔަރ ވިދާޅުވިއެވެ.

" ތިބޭފުޅުންނަށްވެސް އިނގޭނެ ސޯޝިއަލް މީޑިއާ އުންފުލުއެންސަރސް އަކީ ދުނިޔޭގެ މުހިންމު މީޑިއާތައް ފްލޯ ނުކުރާހާ ވަރަށް މީހުން އެމީހުން ފްލޯކުރޭ. އެމީހުން ފޮނުވާލާ މެސެޖު އެތައް މިލިޔަން ބަޔަކަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފޯރުކޮށްދެވޭހާ ޤާބިލުކަން އަދި ނުފޫޒުގަދަ ފަރުދުން އެބައުޅޭ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ޒަމާން ބަދަލުވަމުންދާއިރު ކޮންމެ މީހަކީ އެމީހަކު ބޭނުންވާ މެސެޖެއް ބޭނުންވާ ބަޔަކަށް ފޯރުކޮށްދިނުމުގެ ފުރުސަތު އޮތް ބަޔަކަށްވާއިރު މިކަން ރަނގަޅު ގޮތުގައި ބޭނުންކުރުމަކީ މުހިންމުކަމެއްކަން މި ސެޝަންތަކުން ވާނީ އެނގިގެންގޮސްފައެވެ.

މި ތަމްރީން ޕްރޮގުރާމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ މި ޕްރޮގުރާމްގެ ތެރެއިން ކުރިން ނޭނގޭ މުހިންމު މަޢުލޫމާތުތަކެއް އެނގުނު ކަމަށެވެ. އެ ގޮތުން ދިވެހިބަހުގެ ހަމަތަކާއި މައުލޫމާތު ފެތުރުމުގެ މުހިންމުކަމާއި އުސޫލުތައް އަދި ދޮގު ހަބަރާއި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަން ވަރަށް ރަނގަޅަށް އެގިގެން ގޮސްފައިވާކަމަށެވެ.

ތަމްރީންތައް ނިންމާލުމަށްފަހު ބައިވެރިންނަށް ވަނީ ސެޓްފިކެޓެއް ދީފައެވެ.

މި ޕްރޮގްރާމްގެ ތެރެއިން، އާރޓިފިޝިއަލް އިންޓެލިޖެންސާއާއި އެކީ އުޅެން ދަސްކުރުމާއި ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ މުހިންމު މުޖްތަމައުއާއި ގުޅުން ހުރި އެކި ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަދި އެކިއެކި މަންސަތަކުގައި ފެތުރެމުންދާ އަދި ގަސްތުގައި ފަތުރާ ޚަބަރާއި މަޢުލޫމާތުގެ ސައްހަކަން ދެނެގަންނާނެ ގޮތްތަކާއި އެ މަޢުލޫމާތަކާ ގުޅިގެން އެ ބަޔަކު ނިސްބަތްވާ މުޖުތަމަޢުގައި ބައިވެރިންނަށް އަމަލު ކުރެވިދާނެ އަދި އަދާކުރެވިދާނެ ދައުރު ވަނީ ބުނެދީފައެވެ. އަދި ނޫސްވެރިކަމުގެ ޢާންމު ހަމަތަކާއި, ތަހުޤީޤީ ނަޒަރިއްޔާއަކުން ކަންކަން ދެނެގަންނާނެ ގޮތްތަކަށް ވަނީ އަލިއަޅުއްވާލާފައިވެ.

3 ދުވަހުގެ މުއްދަތައް އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްގެންދިޔަ މި ޕްރޮގުރާމްގައި އައްޑޫސިޓީގެ އެކި ރަށްތަކުން ޖުމުލަ 37 މީހުން ބައިވެރިވެއެވެ. ބައިވެރިންގެ ތެރޭގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި މި ސަރަހައްދުގައި ހިންގާ އޮންލައިން ނޫސްތަކުން ބައިވެރިވެއެވެ.