ހުޅުމާލެ ފޭސް 2 ގައި ހިންގި މާރާމާރީއަކާ ގުޅިގެން 4 ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލޭގެ ހިޔާ ފްލެޓް ސަރަޙައްދުގައި ޕެޓްރޯލްކުރަމުން ދަނިކޮށް، މިއަދު ހަވީރު 17:07 ހާއިރު އެޗް-7 ކައިރީގައި ބަޔަކު މާރާމާރީ ހިންގަމުންދާ މަންޒަރު ފެނިފައިވާކަމަށެވެ.
މި މާރާމާރީއާ ގުޅިގެން 4 ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި، އޭގެ ތެރޭގައި 19 އަހަރާއި 18 އަހަރުގެ ދެ އަންހެނުންނާއި، 27 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ މި މާރާމާރީގެ މައްސަލަ ތަހުޤީޤު ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ.