ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ގަދަ 16 ބުރުގެ ފުރަތަމަ ޖާގަ ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) އިން ހޯދައިފިއެވެ.
މި އަހަރުގެ ކްލަބް މޯލްޑިވްސް ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕުގެ ޗެމްޕިއަންކަން ހޯދި އާރްއާރްސީން ގަދަ 16 ބުރުގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުގައި ކުލަބު ފެން އަތުން 7-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މެޗުގެ ކުރިން ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ އެސްޓީއޯ ރެކްރިއޭޝަން ކުލަބު އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅުނު މެޗުގައި އާރްއާރްސީގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި ޝަނާން ރަޝާދާއި، ދެ ލަނޑު ޖެހި އާދަމް ނާސިހާއި، އަޙްމަދު އަފްލާޒް އަދި އިބްރާހީމް ސިނާހެވެ.
މި ގްރޫޕުގައި ރޭ ކުޅުނު މެޗުން އެސްޓީއޯ ވަނީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު 4-0 ގެ ނަތީޖާއަކުން ބަލިކޮށް، ފުރަތަމަ މޮޅު ހޯދާފައެވެ. މި މެޗުގައި އެސްޓީއޯގެ ލަނޑުތައް ޖަހައިދިނީ އިސްމާޢީލް އީސާ އާއި، މުޙައްމަދު އައްޒާމާއި، އަލީ ހޮދަދާދީ އަދި އަޙްމަދު ރާހިލް ރަޝީދެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ބީން ގަދަ 16 ބުރުގެ ޖާގައެއް އާރްއާރްސީން ހޯދިއިރު، ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު އެ ޓީމު އޮތީ އެއްވަނައިގައެވެ. އެސްޓީއޯއަށް ތިން ޕޮއިންޓް ލިބުނުއިރު، ކަސްޓަމްސް އާއި ފެން ކުލަބަށް ދެ މެޗުން ލިބުނީ ޕޮއިންޓެކެވެ.
މި މުބާރާތުގެ ގްރޫޕް އޭގައި ރޭ ޓީމު އެމްއޭސީއެލްއިން ވަނީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަރޮސް ބަލިކޮށް، ގަދަ 16 ބުރުގެ ޖާގައަކާ ފިޔަވަޅަކާ ގާތަށް ޖެހިލާފައެވެ. މި މެޗުގައި އެމްއޭސީއެލްގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކް ހެދި އަޙްމަދު ހަމީދުގެގެ އިތުރުން، އަބްދުﷲ ސުޒެއިރާއި، އަލީ ޝާފިއު އާއި، ފަހުމާން އަބްދުލް ހަމީދުގެ އިތުރުން އަޙްމަދު ހުސާމް އާއި، އިރާނުގެ އާމިރު ހޮސެން ތަޔޭބީއެވެ. މީގެ ތެރެއިން ސުޒެއިރާއި، ޝާފިއު އަދި ފަހުމާން ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ.
މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުން ކުލަބު އިމިގްރޭޝަން އަތުން 1-0 ގެ ނަތީޖާއަކުން ދިވެހި ސިފައިންގެ ކުލަބު ވަނީ މޮޅުވެފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސިފައިންގެ ކުލަބަށް ކާމިޔާބުކޮށްދިނީ އިޔާސް އަލީއެވެ.
މި ނަތީޖާތަކާއެކު އެމްއޭސީއެލް މި ގްރޫޕްގެ އެއްވަަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާއެވެ. ދެވަނައިގައި އޮތް އިމިގްރޭޝަނާއި ތިންވަނައިގައި އޮތް ސިފައިންނަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ފުލުގައި އޮތް ބަރޮހަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.