ޚަބަރު

ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ބޮޑުބައެއް ނިންމާލައިފި


  • މިއީ 53.99 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

  • މުޅި މަޝްރޫޢުގެ ޖުމްލަ %80 މަސައްކަތް ވަނީ ނިމިފައި

ލ. ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީއިން ވިދާޅުވީ، ފޮނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށާއި، މި މަޝްރޫޢުގެ ތެރެއިން މިހާރު 1،136 މީޓަރުގެ ތާރު މަގުތަކުގައި އަޅާފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. އެއާއެކު މުޅި މަޝްރޫޢުގެ ޖުމްލަ %80 މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، ފޮނަދޫގެ 3.64 ކިލޯމީޓަރުގެ މަގުގެ ސަަރަޙައްދުގައި ތާރަ އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި އެރަށަށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލުގެނައުމަށް ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތަކާއި، މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމުގެ އިތުރުން، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފޮނަދޫ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 53.99 މިލިޔަން ރުފިޔާއަށެވެ.

މަގުތައް ހަލާކުވެ އަޑިގުޑަންވުމާއި، އަދި ފެންބޮޑުވުމުގެ މައްސަލަ ބޮޑުވެ ފޮނަދޫގެ މަގުތައް ފުރަތަމަ ތަރައްޤީކުރަން ފެށީ 2017ވަނަ އަހަރުއެވެ. ނަމަވެސް އެ މަޝްރޫޢުގެ މަސައްކަތް ހުއްޓިފައިވަނިކޮށް، އެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން އަލުން ފަށާފައިވަނީ 2019ވަނަ އަހަރުގެ ޖޫން މަހުއެވެ.