މެރިން ރިސަރޗްގެ ދާއިރާއިން ގުޅުންބަދަހިކޮށް ފުރުޞަތު ފަހިކޮށްދިނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް، ސޮނޭވާ ސީއެސްއެމްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސޮނޭވާ ސީއެސްއެމްއަކީ ސޮނޭވާ ރިސޯޓުގެ ދަށުން، ތިމާވެށީގެ ކަންކަމަށް އަހުލުވެރިކޮށް، އެ ދާއިރާއިން ބޭނުންވާ ދިރާސާތައް ކުރުމަށް ހަރަކާތްތެރިވާ ޖަމްޢިއްޔާއެކެވެ.
މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. އަދި ސޮނޭވާ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބިލިޓީ މޯލްޑިވްސް، ސޮނޭވާ ސީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރ އޮފް ކޮންޒަވޭޝަނެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްއެންޔޫގެ ކޮލެޖު އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސެސް ޑރ. އަޙްމަދު ރިޔާޒު ޖައުހަރީ ވިދާޅުވީ، ތިމާވެށީގެ ކަންކަމަކީ ޚާއްސަކޮށް މެރިން ރިސަރޗްގެ ދާއިރާއަކީ ރާއްޖޭގައި އަދިވެސް ކުރިއަރުވަން ޖެހޭ ދާއިރާއެއްކަމުން، ސޮނޭވާއާގުޅިގެން މިކުރެވޭ މަސައްކަތުގެ ތެރެއިން މި ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ފަހިކޮށްދިނުމަށް ޤައުމީ ޔުނިވަރސިޓީން ކުރާ މަސައްކަތްތަކަށްވެސް އިތުރު އެހީއަކަށްވެގެންދާނެކަމަށެވެ.
"އެމްއެންޔޫ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް މެދުވެރިކޮށް މެރިން ބަޔޮލޮޖީ، އޯޝަނޮގްރަފީ އަދި ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ދަރިވަރުންނަށް ތިއޮރެޓިކަލް ނޮލެޖް އަދި ހޭންޑް-އޮން ސްކިލްސް ފޯރުކޮށްދެވޭ. ސޮނޭވާއާއެކު ކުރިއަށްގެންދެވޭ ޕްރޮގްރާމަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކަށްވާނެ." ޑރ.އަޙްމަދު ރިޔާޒު ޖައުހަރީ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ސޮނޭވާ ސީއެސްއެމްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ސޮނެވާ ސީއެސްއެމްގެ ދަށުން އެމްއެންޔޫގެ ދަރިވަރުންނަށް ރިސާރޗް ޕްރޮޖެކްޓްތަކާއި އިންޓާންޝިޕްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބި، މުރަކަ ފަރުތަކުގެ އިކޮލޮޖީއާއި މެރިން ކޮންޒަވޭޝަންގެ ތަޖުރިބާ ލިބިގެންދާނެކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ. އަދި ދެ މުއައްސަސާގެ މެދުގައި މި ދާއިރާއިން ބޭނުންވާ ދިރާސާތައް ގުޅިގެން ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ޔުނިވަރސިޓީން ވިދާޅުވެއެވެ.