ޚަބަރު

މަނާ ތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލައި އެކަކު 3 ދުވަހަށް ބަންދަށް


  • މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އެއްބަނޑު އެއްބަފާ 3 މީހުން

  • 111880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ ތަކެތި ފެނިފައިވޭ

ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއެކު ހައްޔަރުކުރި މީހުން ތެރެއިން ދެމީހުން ދޫކޮށްލައި އެކަކު 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 28 ވަނަ ދުވަހު ހަތަރު މީހަކަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ތިން އެޕާޓްމަންޓެއް ބަލައިފާސްކޮށް 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެއްބަނޑު އެއްބަފާ ތިން މީހުން ކަމަށްވާ ލ. މާބައިދޫ / ސޭޑީކޯނަރ އުމުރުން 32 އަހަރުގެ ނަޝްވާން މުޙައްމަދު އާއި އުމުރުން 25 އަހަރުގެ ނަޙުޒާން މުޙައްމަދާއި، އުމުރުން 22 އަހަރުގެ ނަބުހާން މުޙައްމަދު ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންނާއި ކަސްޓަމްސްގެ މުވައްޒަފުން ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި މި 3 މީހުންގެ މޯބައިލް ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިތަނުން އެކަކު ދުއްވި ސައިކަލާއި ބަލައި ފާސްކުރި އެޕާޓްމަންޓުތަކުން ގިނަ އަދަދެއްގެ ވޭޕާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި 111880 ( ސަތޭކަ އެގާރަހާސް އަށްސަތޭކަ އަށްޑިހަ) ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނަޝްވާން މުޙައްމަދާއި ނަޙުޒާން މުޙައްމަދު ޝަރުތުކުރުމަށްފަހު ކޯޓުންވަނީ ދޫކޮށްލާފައެވެ. އަދި ނަބުހާން މުޙައްމަދު ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.