އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭނުގެ ސަބަބުން ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް މަގުފަހިވެގެންދާނެކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއާއި އެމެރިކަން އެކްސްޕްރެސް ގުޅިގެން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް "އެކްސްޕީރިއަންސް މޯލްޑިވްސް" ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ވަނީ ފަށާފައެވެ.
މި ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި ކުރިއަށްގެންދެވޭ މިފަދަ ކެމްޕޭނުތަކުގެ ސަބަބުން ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް އިތުރު ފަަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިއުމަށް އިތުރު މަގުތަކެއް ކޮށައިދޭނެކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި މި ކެމްޕޭނުގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ލިބިގެންދާނެ އޮފަރތަކަަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކާޑު ހޯލްޑަރުންނަށް އެކި ރިސޯޓުތަކާއި ލިވްއަބޯޑުތަކާއި މާޗަންޓުތަކުން ބުކްކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، ޚާއްސަ އޮފަރތަކާއެކު ރާއްޖޭގެ ރީތި މަންޒިލްތަކާއި ސަގާފަތް ތަޖުރިބާކޮށްލުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މާލީ ކަންކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ބީއެމްއެލުން އިސްނަގައިގެން ކުރިއަށްގެންދާ އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިދާތަކެއް ލިބިގެންދާނެކަމަށެވެ.
"މިއީ ވިސްނުންތެރި ޑިމާންޑް އުފެއްދުމެއް. މި ކެމްޕޭނުން ގެސްޓުން ދިގު މުއްދަތަކަށް ދިވެހިރާއްޖޭގައި ހޭދަކުރުމަށް ހިތްވަރުދޭނެ. އަދި މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް އައު ކަސްޓަމަރުންނާ ބައްދަލުކުރުމުގެ ސާފު މަގުތަކެއް ވެސް ހުޅުވިގެންދާނެ." މާލީ ކަންކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށް ގެންދާނީ ރާއްޖޭގެ ފަރުތައް ރައްކާތެރިކޮށް، ކުނި މަދުކޮށް، ގިނަ މުޖުތަމަޢުތަކެއް ބައިވެރިކުރުވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އަދި ފަތުރުވެރިން އަންނަ މާކެޓްތައް އިތުރުކުރުމަށް މަގުފަހިކުރާ ސިޔާސަތުތަކަށް އެހީތެރިވުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި އެމެރިކަން އެކްސްޕްރެސް އާ ދެމެދު ވެވުނު މި ޕާޓްނަރޝިޕަކީ ސަރުކާރުގެ ފަތުރުވެރިކަމާ ގުޅޭ ތަޞައްވުރު ހާސިލްވުމަށް މަގުފަހުވެގެންދާނެ އެއްބަސްވުމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން މީގެ ކުރިންވެސް "އެކްޕީރިއަންސް މޯލްޑިވްސް"ގެ ނަމުގައި ޚާއްސަ ކެމްޕޭނުތަކެއް ވަނީ ބާއްވާފައެވެ. މީގެ ކުރިން ހިންގި ކެމްޕޭނުތަކުގައި އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ޕްރިމިއަމް ޚިދުމަތްތަކާއި އެކްސްކްލޫސިވް ރޭޓްތައް އަދި ދަތުރު އިތުރަށް ފުރިހަމަ ކުރުމަށް ކޮމްޕްލިމެންޓަރީ ޚިދުމަތްތައްވެސް ފޯރުކޮށްދީފައިވާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.