ޚަބަރު

ދުނިޔޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ދިމާލަށް


  • ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހަކީ 27 ސެޕްޓެމްބަރު

  • މިއަހަރުގެ ޝިއާރަކީ "ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޮމޭޝަން"

ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަޤްވާމީގޮތުން އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1980 ވަނަ އަހަރުއެވެ. އޭގެފަހުން ކޮންމެ އަހަރެއްގެ 27 ސެޕްޓެމްބަރުގައި މި ދުވަސް ފާހަގަކުރަމުން އަންނައިރު، މި ދުވަހަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އަދި ރާއްޖެއަށްވެސް ވަރަށް މުހިންމު ދުވަހެކެވެ.

ބައިނަލްއަޤްވާމީ ގޮތުން ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރަނީ ފަތުރުވެރިކަމާއި އިޖްތިމާޢީ، ސަޤާފީ، ސިޔާސީ އަދި އިޤްތިސާދީ ކަންކަމާއި އޮންނަ ގުޅުމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ބައިނަލްއަޤްވާމީގޮތުން ފަތުރުވެރިކަމުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ވަކި ޝިއާރެއްގެ ދަށުންނެވެ. އެގޮތުން ޔުނައިޑަޓް ނޭޝަންސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން، ޔޫއެންޑަބްލިއުޓީއޯއިން މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޓޫރިޒަމް އެންޑް ސަސްޓެއިނަބަލް ޓްރާންސްފޮމޭޝަން" އެވެ. މާނައަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމަކާއި ދިމާލަށް މަސައްކަތްކުރުމެވެ.

މިއަހަރުގެ ޝިއާރުން ބާރުދެނީ ފަތުރުވެރިކަން ތިމާވެއްޓާއި އިންސާނުންނަށް ފައިދާ ކުރާނެ ގޮތައް ކުރިއެރުވުމެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުކުރުމަށްވެސް ބާރުއަޅައެވެ. ޚާއްސަކޮށް އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ހިއްސާ މި ސިނާއަތުގައި އިތުރުކުރުމަށް ޝިއާރުން ބާރުދެއެވެ.

ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރާއިރު، މިއީ ރާއްޖެއަށް ވަރަށް މުހިންމު ދުވެހެކެވެ. ސަބަބަކީ ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިސާދުގެ މައި ސިނާއަތަށްވުމެވެ. އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން އާމްދަނީ ހޯދުމަށް މަސައްކަތްކުރަނީ މިސިނާއަތުގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފެށުނީ 1972 ވަނަ އަހަރުއެވެ. ރާއްޖޭގެ ފަތުރުވެރިކަން ފެށި ބައި ގަރުނަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ރާއްޖެއިން އަންނަނީ މި ސިނާޢަތުގައި ކުރިއެރުންތައް ހޯދައި ސިނާޢަތުގައި އެފަދަ ދެވަނައެއް ނެތް މިސާލެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

މިކަން ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ ލަގަބް ވިދިވިދިގެން 5 ފަހަރު ހޯދުން ހެއްކެއްގެ ގޮތުގައި ފުދެއެވެ. ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓުން ފެށި މަސައްކަތް މިހާރު މިވަނީ ރައްޔިތުންނާއި ހިސާބަށް ގެނެސް ރައްޔިތުންނަށްވެސް އޭގެ ފައިދާ ނެގޭނެ ގޮތް ހަދާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1270 ތަނެއް ވަނީ ހުޅުވާފައެވެ. އެއީ 174 ރިސޯޓާއި، 16 ހޮޓެލްއާއި، 919 ގެސްޓްހައުސް އަދި 161 ސަފާރީ އުޅަނދެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ 64،629 އަށް އަރައެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަދު ރާއްޖެއަކީ އެންމެ މަތީ ފަންތީގެ ޚިދުމަތްދޭ މަންޒިލެއްގެ ގޮތުގައި މަޤުބޫލު މަންޒިލެކެވެ. މި ދާއިރާއިން ރާއްޖެ އެންމެ ކުރީ ސަފަށް ޖެހިލާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރުމެވެ.