ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ގެދޮރު ބިނާކުރުމަށް އިތުރު ރަހުނަކާއި ނުލައި 3 މިލިޔަން ރުފިޔާއާ ހަމައަށް ބޭންކުން ލޯނު ދޫކުރަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުންކަމަށެވެ. އެ މަސައްކަތުގެ ދަށުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ ތަފާތު އެކި މަޝްރޫޢުތައް ހިންގެވުމުގެ އިތުރުން، ލޯނު ސްކީމްތައްވެސް ތަޢާރަފްކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"ސަރުކާރުން 5 ޕަސެންޓުގެ އިންޓްރެންސް ރޭޓެއް އިންނަ ލޯނު ސްކީމެއް މިއަހަރު އަލަށް މި ފަށައިގަތީ. މިއީ ކޮންމެ އަހަރަކު ކުރިއަށްދާނެ މަޝްރޫއެއް. ކޮންމެ ރަށެއްގެ ރައްޔިތަކަަށްވެސް އެޔަށް އެޕްލައިކޮށް އެ ފުރުސަަތު އޮތް މިންވަރަކަށް ލޯނަށް ހުށަހެޅޭނެ ލޯނު ސްކީމެއް އެއީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގެދޮރު ބިނާކުރުމަށް އިތުރު ރަހުނަކާއި ނުލައި 1 މިލިޔަން ރުފިޔާއާ ހަަމައަށް މާލީ އެހީތެރިކަން ލިބޭނެ ސްކީމެއް ބީއެމްއެލުން ތަޢާރަފްކޮށްފައިވާކަމަށާއި، މިއަހަރުގެ ފެބްރުއަރީމަހު އެއަދަދު 2 މިލިޔަން ރުފިޔާއަށް އިތުރުކޮށްދެއްވާފައިވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާރު އެ އަދަދު 3 މިލިޔަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދެން މިހާރު މިކަން ވާނީ އިތުރަށް ލުއިކޮށްދީފަ. މިހާރު ބޭންކުން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެއްވެސް އިތުރު ރަހުނެއް ނުބަހައްޓާ ގެދޮރު ބިނާކުރުމަށް 3 މިލިޔަން ރުފިޔާއާއި ހަމައަށް ބޭންކުން ލޯނު ދޫކުރަން. މީގެ ދެދުވަހެއްހާކުރިން ބޭންކްގެ ބޯޑުންވާނީ މިކަން ނިންމާފައި. އަދި މިލޯނުތަކަށް އެޕްލައިންކުރަން ވަރަށް އަވަހަށް ހުޅުވާލާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭންކުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަަދަ ފަހި ފުރުސަތުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ފަސޭހަވެގެންދާނެކަމަށެވެ.