ޚަބަރު

ތ.ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި


  • މަޝްރޫޢު ފައްޓަވައިދެއްވީ މާލީ ކަންކަމާބެހޭ ވަޒީރު މޫސާ ޒަމީރު

  • މި މަސައްކަތް ކުރުމަށް ހަވާލުކުރެއްވީ އާރުޑީސީއަށް

ކޮޅުމަޑުލު ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިފިއެވެ.

ގުރައިދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގުރައިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

މި މަޝްރޫޢު ފައްޓަވައިދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް، ގުރައިދޫ ދާއިރާގެ މެމްބަރު އަދި ދުރައިދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރައްވަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މަގުތައް ތަރައްޤީކުރާނީ ރަށުގެ ރައްޔިތުން ބޭނުންވާގޮތަށްކަމަށެވެ.

ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު ފުރަތަމަ އިސްކަންދެނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްޤީކުރުމަށެވެ. މަގުތައް ތަރައްޤީކުރާއިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ ވަޞީލަތްތައް ޤާއިމްކުރާނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ޒަމާނީ ފެންވަރުގެ މަގުތަކެއް ގުރައިދޫ ރައްޔިތުންނަށް ބޭނުންކުރުމަށް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.