ކޮޅުމަޑުލު ދިޔަމިގިލީ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ދިޔަމިގިލީ މަގު ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލުގެ ރަށްތަަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ދިޔަމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރައްވަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މަގުތައް ތަރައްޤީކުރާނީ ރަށުގެ ރައްޔިތުން ބޭނުންވާގޮތަށްކަމަށެވެ.
ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު ފުރަތަމަ އިސްކަންދެނީ ރަށުގެ އިސް މުއައްސަސާތައް ހުންނަ މަގުތަކާއި ބޮޑަށް ހަލާކުވެފައި ހުންނަ މަގުތައް ތަރައްޤީކުރުމަށެވެ. މަގުތައް ތަރައްޤީކުރާއިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ ވަޞީލަތްތައް ޤާއިމްކުރާނެއެވެ.