ކޮޅުމަޑުލު ކިނބިދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ނިންމާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ކިނބިދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވަނީ އެރަށުގެ ހިއްކާފައިވާ ސަރަޙައްދު ބައްލަވާލައްވާފައެވެ.
ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 18ވަނަ ދުވަހުއެވެ.
900އެއްހާ މީހުން ދިރިއުޅޭ ކިނބިދުއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް 2023ވަނަ އަހަރުގެ އޮގަސްޓްމަސްތެރޭ ސަރުކާރުން ވަނީ ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓިސީސީއާ ޙަވާލުކުރައްވާފައެވެ.
ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންގޮސް އެމްޓީސީސީއިން ވަނީ ކިނބިދޫ ބިން ހިއްކުމުގެ މަސައްކަތް މިއަހަރުގެ މާރޗްމަހުގެ 24ވަނަ ދުވަހު އެއްކޮށް ނިންމާލާފައއެވެ.
މި މަޝްރޫޢުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.
ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫޢަކީ ސަރުކާރުން 148.2 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.
ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެއްކޮށް ނިންމުމާއެކު، 1500އެއްހާ އާބާދީއެއް އޮންނަ ކިނބިދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.