ޚަބަރު

ރާއްޖޭގެ އާމާޒަކީ 2035 ވަނަ އަހާރާއި ހަމައަށްދާއިރު ވިހަގޭސް ބޭރުކުރާ މިންވަރު 1.5 މިލިޔަން ޓަނަށް މަދުކުރުން


  • މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތް ވަނީ ހިއްސާކޮށްފައި

  • ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައި

ސަރުކާރުގެ އާމާޒަކީ 2035 ވަނަ އަހާރާއި ހަމައަށްދާއިރު ޖައްވަށްދޫކުރާ ވިހަގޭހުގެ މިންވަރު 1.5 މިލިޔަން ޓަނަށް މަދުކުރުންކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެވެ.

ވަޒީރު މިހެން ވިދާޅުވީ އދ. އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ހަވާސާގައި ޕެރިސް އެއްބަސްވުމާއި ގުޅޭގޮތުން އިންތިޒާމުކުރި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޕެރިސް އެއްބަސްވުމަކީ 2015 ވަނަ އަހަރު 195 ޤައުމަކުން މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ސޮއިކޮށް ތަންފީޒުކުރަމުންދާ އެއްބަސްވުމެކެވެ. އެ އެއްބަސްވުމަށް 10 އަހަރު ފުރުމުގެ މުނާސަބާގައި ރާއްޖެއިން "ޑިކޭޑް އޮފް ޕެރިސް އެގްރިމެންޓް: ދަ މޯލްޑިވްސް ކްލައިމެޓް އެކްޝަން އެންޑް ޕާޓްނަރޝިޕް ފޮރ ރެޒިލިއެންސް" ނަމުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޤައުމުތަކުގެ މަންދޫބުންނާއި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ ބޭނުމަކީ، ޕެރިސް އެގްރިމެންޓުގައި ސޮއިކުރި ފަހުން ރާއްޖެއިން މިހާތަނަށް، ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދިނުން ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާޙަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވަނީ ދިވެހިރާއްޖޭގެ މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ސިޔާސަތު މި ވޭތުވެދިޔަ 10 އަހަރު ތެރޭގައި ބަދަލުވެގެން އައިގޮތް ހިއްސާކޮށްދެއްވާފައެވެ.

ވަޒީރު ވިދާޅުވީ މިއަހަރުގެ ފެބްރުއަރީމަހު 3 ވަނަ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން ހުށަހަޅާފައިވާކަމަށާއި މި ޕްލޭނަކީ، ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމުގެ ސިޔާސަތާއި އަމާޒުތައް ހިމަނައިގެން ކޮންމެ ފަސް އަހަރަކުން ތައްޔާރުކުރާ ޕްލޭނެއްކަމަށެވެ. މިއަހަރު ރާއްޖެއިން ހުށަހަޅި ޕްލޭނުގައި ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު 2035 ވަނަ އަހަރާއި ހަމައަށް ދާއިރު 1.52 މިލިޔަން ޓަނަށް މަދުކުރަން އަމާޒު ހިފާފައިވާކަމަށް ތިމާވެއްޓާއި ބެހޭ ވާޒީރު ވިދާޅުވިއެވެ. އަދި މިކަން ކުރާނީ ވިލުންތެރި ހަކަތައިގެ ދައިރާއާއި ދަތުރުފަތުރުގެ ދާއިރާއާއި ކުނި ނައްތާލުމުގެ ދާއިރާ އިތުރަށް ވަރުގަދަކޮށްގެން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ހާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕެނަލުގައި ޤައުމުތަކާއި ތިމާވެށީގެ މައްސަލަތަކުގައި މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ މަންދޫބުން ބައިވެރިވިއެވެ. އެފަރާތްތަކުން ވަނީ ދެމެހެއްޓެނިވި ގުޅުމެއްގެ ތެރެއިން، ޤައުމީ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކަށް އިޖާބާ ދިނުމަށް ކުރެވޭނެ ކަންކަމާޢި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

ރާއްޖެއިން ބޭއްވި މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވީ، ޤައުމުތަކުގެ ގުޅުމަކީ މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއަށް އެންމެ މުހިންމު އެއް އަސާސްކަމަށެވެ. އަދި ރާއްޖެއިން މިހާރު ހުށަހަޅާފައިވާ އެންޑީސީ ޕްލޭނު ބިނާވަނީ މާލީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ޤާބިލީއްޔަތުކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތްތަކަށްކަމަށް ވަޒީރު ވިދާލުވިއެވެ. ވަޒީރު ޚަލީލް ވަނީ ކުރިއަށް އޮތް 10 އަހަރު ޕެރިސް އެގްރިމެންޓް ތަންފީޒުކުރުން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ގޮވާލައްވާފައެވެ.