ކުޅިވަރު

މެސީ އާއި އެމްބާޕޭގެ ތައުރީފް ޑެމްބެލޭ އަށް


ފްރާންސާއި ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭ ބަލޮންޑޯ އެވޯޑް ހޯދުމުން އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އާއި ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ އޭނާ އަށް ތައުރީފްކޮށްފި އެވެ.

މި ދެ ކުޅުންތެރިންނަކީ ވެސް މީގެ ކުރިން ޑެމްބެލޭއާއެކު ކުލަބު ލެވެލްގގައި ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. މެސީ ވަނީ ބާސެލޯނާގައި ޑެމްބެލޭއާއެކު ހަތަރު އަހަރު ހޭދަކޮށްފަ އެވެ. އެމްބާޕޭ ހުސްވި ސީޒަނުގައި ރެއާލް މެޑްރިޑަށް ބަދަލުވީ އޭގެ ކުރީ ސީޒަނުގައި ޑެމްބެލޭއާއެކު ޕީއެސްޖީގައި ކުޅެފަ އެވެ.

އިއްޔެރޭ ޕެރިހުގައި ބޭއްވި ބަލޮންޑޯ އެވޯޑް ހަފުލާގައި ޑެމްބެލޭ އެވޯޑް ހާސިލްކުރީ ބާސެލޯނާގެ ޒުވާން ފޯވަޑް ލަމީން ޔަމާލާ ވާދަކޮށްގެންނެވެ.

އޭނާ އަށް އެވޯޑް ލިބުމުން މި އެވޯޑް ރެކޯޑް އަދަދަކަށް ހޯދާފައިވާ މެސީ ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

"އަހަރެން ވަރަށް އުފާ ކުރަން ޑެމްބެލޭ އަށް އެވޯޑް ލިބުމުން. އޭނާ އަށް ވަރަށް މަރުހަބާ. އޭނާ މިދިޔަ ސީޒަނުގައި ދެއްކި ކުޅުމަށް ބަލާއިރު މިއީ އޭނާ އަށް ހައްގު އެވޯޑެއް. އަހަރުމެން ވަނީ ބާސެލޯނާގައި ވަރަށް ރަނގަޅު ދުވަސްތަކެއް ހޭދަކޮށްފައި،" މެސީ ބުންޏެވެ.

އެމްބާޕޭ ބުނީ ޑެމްބެލޭ އަކީ ގާތް އެކުވެރިއެއް ކަމަށާއި ބަލޮންޑޯ އެވޯޑް އޭނާ އަށް ލިބުން ހައްގު ކަމަށެވެ.

"އޮސްމާނޭ ޑެމްބެލޭ. އަހަރެންގެ އަހް، އަހަރެން ވަރަށް އުފާވެއްޖެ. މި އެވޯޑަކީ ހައްގު އެއްޗެއް 1000 ފަހަރު މިހެން ބުނާނަން،" އެމްބާޕޭ ބުންޏެވެ.

ރޭގެ ހަފުލާގައި ޑެމްބެލޭ އަށް އެވޯޑް ހަވާލުކޮށްދިނީ ކުރިން މި އެވޯޑް ހާސިލްކޮށްފައިވާ ބާސެލޯނާ އާއި ޕިއެސްޖީގެ ބްރެޒިލް ފޯވަޑް ރޮނާލްޑީނިއޯ އެވެ. މިއަށްފަހު ސްޓޭޖުގައި ހުރެ ވާހަކަ ދައްކަމުން އޭނާ ވަނީ ކުރީގެ ކުލަބު ބާސެލޯނާ އާއި މެސީ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ.

"އަހަރެން ބާސެލޯނާއިން ވަރަށް ގިނަ ކަންކަން ދަސްކުރިން. އެތަނުގައި މެސީ އާއި އިނިއެސްޓާ ފަދަ މޮޅު ކުޅުންތެރިންނާއެކު ކުޅެން ފުރުސަތު ލިބުމުން އެކަންވީ ވަރަށް ބޮޑު ތަޖުރިބާއަކަށް. އަހަރެން ވަރަށް އުފާ ކުރަން އެކަމާ. އަދި ބަލޮންޑޯ އެވޯޑް ހޯދި ކުޅުންތެރިންގެ ލިސްޓަށް ބަލާފައި މި އެވޯޑް ލިބުމުން އަހަރެން ވަރަށް އުފާކުރަން،" ޑެމްބެލޭ ބުންޏެވެ.