ކުޅިވަރު

ދަރަނިން ސަލާމަތްވެ، ޒުވާން ޖޯޝާއެކު ވެލެންސިއާ ލީގަށް ތައްޔާރު


ކުލަބު ވެލެންސިއާ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ ކުލަބު އޮތީ ވަރަށް ބޮޑަށް އަޑިއަޅާލައިފަ އެވެ. 2022ގެ މެދުތެރޭގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ވެލެންސިއާ އަށް ކުޅުންތެރިން ގަތުން މަނާކުރި އެވެ. އެއީ އެ އަހަރު ކުޅުނު ބިދޭސީ ކުޅުންތެރިންނަށް މުސާރަ ނުދީގެންނެވެ.

މި ފައިސާ އާއި ފީފާ އަދި އޭއެފްސީ އަށް ދައްކަން ޖެހުނު ފައިސާގެ އަގު 1.3 މިލިއަނަށްވުރެ ގިނަވި އެވެ. މީގެ ނަތީޖާ އެއްގެ ގޮތުން 2023 ވަނަ އަހަރުގެ ސީޒަނަށް ވެލެންސިއާ ނުކުތީ އުމުރު ހަމަނުވާ ސްކޫލް ކުދިންގެ ޓީމަކާއެކުގަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ސީޒަނުގެ ވަކި ހިސާބަކުން މެޗުތަކަށް ކުޅުންތެރިން ހަމަނުވެ ގިނަ މެޗުތަކެއް ނުކުޅެ ދޫކޮށްލި އެވެ.

ނަމަވެސް މިހާރުގެ ޗެއާމަން ކުރީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ހަވާލުވުމަށްފަހު އައު މެނޭޖްމަންޓުން މިހާރު ވަނީ މި އަޑިގަނޑުން ޓީމު ސަލާމަތްކޮށްދީފަ އެވެ. ކުޅުންތެރިންނަށް ދައްކަންޖެހޭ ފައިސާ އާއި ފީފާ، އޭއެފްސީގެ ދަރަނި އަދާކޮށް ވެލެންސިއާ ވަނީ ސީޒަނަށް ތައްޔާރުވެފަ އެވެ. މިރޭ ސީޒަނުގެ ފުރަތަމަ މެޗަށް ނުކުންނައިރު ކުރީގެ ކެޕްޓަން އިސްމާއީލް އާސިފް (ކުޑަހީނާ) ތައްޔާރު ކުރި ޓީމުގައި ގިނައީ ވަރަށް ޒުވާން ކުޅުންތެރިންނެވެ.
ޓީމުގައި މައިގަނޑު ގޮތެއްގައި ތިބީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ 8 ކުޅުންތެރިން ވެލެންސިއާގައި ހިމެނެ އެވެ. ދެން ހިމެނެނީ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެ ޓީމުގެ ވެސް 8 ކުޅުންތެރިން ހިމެނެ އެވެ.

މި ކުޅުންތެރިންނާއެކު ކުޅެން ވެލެންސިއާއިން ވަނީ ބިދޭސީ ހަތަރު ކުޅުންތެރިން ވެސް ގެނެސްފަ އެވެ. އެއީ މޯލްޑޯވާގެ ކީޕަރަކާއި ސްޕޭނުގެ ފޯވަޑަކާއި މިސުރާއި ކިރިގިސްތާނުގެ ޑިފެންޑަރެކެވެ. މި ގޮތުން ބަލާއިރު މި ސީޒަނަށް އެންމެ ބޮޑަށް ޕްރެކްޓިސްކޮށް، ޒުވާން ޖޯޝުން ފުރިގެންވާ ޓީމެއް އެކުލަވާލާފައިވާ ކަމަށް ފެންނަން އޮތް ޓީމަކީ ވެލެންސިއާ އެވެ.

ވެލެންސިއާގެ މެނޭޖްމަންޓުން ބުނީ ޓީމުގައި ޒުވާން ކުޅުންތެރިން މާބޮޑަށް ގިނަވާން ޖެހުނީ މާލީ ގޮތުން އަރައިގަންނަން ދިމާވި ދަތިތަކުގެ ސަބަބުންނެވެ. މި ގޮތުން ދަރަނިން ސަލާމަތް، ފީފާ ޓްރާންސްފާ ބޭން ފިލުވާލުމަށް ވެލެންސިއާއިން 1.3 މިލިއަން ހަރަދު ކުރަން ޖެހުމާއި އޭގެ އިތުރުން ވެސް ޓީމުގެ އެކި ކަންކަން ކަމަށް ކުރި ހަރަދުތަކާއެކު ވެލެންސިއާގެ ހޭދަ ދެ މިލިއަނުން އަރައި ދިއުން ކަމަށެވެ.

"މިހެންވެ ބޮޑު އަގުގައި ކުޅުންތެރިން ގެނެސްގެން ކުޅުވޭކަށްނެތް. މިއަށްވުރެ ބޮޑަށް ވެލެންސިއާ އިސްކަން ދެނީ ކުރިމަގަށް ރަނގަޅު ޓީމެއް ބިނާކޮށް، މި ސީޒަނުގެ ނަތީޖާތައް ރަނގަޅު ކުރަން. މިވަގުތު ރާއްޖޭގެ ފުޓްބޯޅަ އޮތްގޮތުން އެންމެ ރަނގަޅު ގޮތަކީ ޒުވާން ކުޅުންތެރިންނަށް އިންވެސްޓްކޮށް މުސްތަގްބަލް ރަނގަޅު ކުރުން،" ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަހީނާ) ބުންޏެވެ.

ސީޒަނުގެ ފުރަތަމަ މެޗުގައި ވެލެންސިއާއިން ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.