އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ، އެމެރިކާގެ އިންޓަރ މަޔާމީއާއެކު ހަދާފައިވާ އެއްބަސްވުން އައުކުރުމާ ގާތަށް ހިނގައްޖެއެވެ.
އެމެރިކާގެ މީޑިޔާތަކުން ބުނާ ގޮތުގައި އަންނަ ޖޫން މަހު ހަމަވާ މެސީގެ އެއްބަސްވުމުގެ މުއަދަތު އުތުރު ކުރަން ދެ ދަރާތުން ކުރި މަޝްވަރާތައް މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފަ އެވެ. މި ގޮތުން މެސީ އިތުރު ދެ އަހަރަށް ސޮއި ކުރާނީ ކުރިއަށް ވުރެ ބޮޑު މުސާރައެއްގައި ކަމަށެވެ.
އުމުރުން 38 އަހަރުގެ މެސީ މިއާމީ އަށް ބަދަލުވީ ފްރާންސްގެ ޕީއެސްޖީންގެ އެއްބަސްވުން ހަމަކޮށް 2025 ވަނަ އަހަރު އެވެ. އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރީ ސްޕޭނުގެ ބާސެލޯނާގަ އެވެ. ކެރިއަރު ނިމުމުގެ ކުރިން އަލުން އޭނާ ލައްވައި އެ ކުލަބަށް މެޗެއް ނުވަތަ ސީޒަނެއްގެ ބައެއް ކުޅުވަން ބާސެލޯނާ ވެސް ދަނީ މަސައްކަތް ކުރުވަމުންނެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދަކަށް ހޯދާފައިވާ މެސީ ބަހައްޓަން މަޔާމީން އެންމެ ބޮޑަށް ބޭނުންވަނީ އޭނާގެ ސަބަބުން ކުލަބުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވަމުންދާތީ އެވެ. މިކަމުގެ ސަބަބުން މެސީ ލައްވައި ސޮއި ކުރުވަން ސައުދީ އަރަބިއާގެ ކުލަބުތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މެސީ އަކީ ސައުދީގެ ޓޫރިޒަމް އެމްބެސެޑަރެއްވެސްމެއެވެ.