ޚަބަރު

ހުރްމުޒް އަތުލަން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އަސްކަރީ އުޅަނދުފަހަރު


ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމަ އާއެކު އީރާނުން ބަންދުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައި، މުދާ އުފުލާ އުޅަނދުފަހަރަށް ރައްކާތެރިކަމާ އެކު ހުރަސްކުރެވޭނެ މަގުފަހިކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ފަށާފައިވާ މަސައްކަތަށް އެހީތެރިވުމަށް އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އަސްކަރީ އުޅަނދުފަހަރު އެ ސަރަޙައްދަށް ފޮނުވަން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ދިފާއީ ވަޒީރު ޖޯން ހީލީ ވިދާޅުވީ، ހުރްމުޒްގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތުގައި އިނގިރޭސިވިލާތުގެ މަނަވަރަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ އިތުރުން މައިން ހޯދުމުގެ އާލަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.

މި އޮޕަރޭޝަނުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަޤުވާމީ ވިޔަފާރި މަގުތަކަށް އޮތް ނުރައްކާ ކުޑަކޮށް، މުދާ އުފުލާ އުޅަނދުތަކުގެ އިތުބާރު އަލުން ހޯދުމެވެ.

މި އޮޕަރޭޝަނުގައި 40 ޤައުމަކުން ބައިވެރިވުމުގެ ޝައުޤުވެރިކަން ވަނީ ފާޅުކޮށްފައެވެ.

އެ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ ވެސް ހިމެނޭއިރު، އެ އޮޕަރޭޝަނުގައި އޮސްޓްރޭލިއާގެ ޒަމާނީ އަސްކަރީ މަތިންދާބޯޓެއް ބައިވެރިކުރަން ވަނީ ނިންމައިފައެވެ.

އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ރިޗަޑް މާލްސް ވިދާޅުވީ، މި އޮޕަރޭޝަނަށް އެހީތެރިވުމަށް ބޮއިންގ އީ-7 ވެޖްޓެއިލް މަރުކާގެ މަތިންދާބޯޓެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)އަށް އީރާނުން އަމާޒުކުރި ޙަމަލާތަކުން ދިފާއުވުމަށްވެސް، އޮސްޓްރޭލިއާއިން ވަނީ އެ މަތިންދާބޯޓުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.


ނަމަވެސް، އޮސްޓްރޭލިއާގެ ބައިވެރިވުން އޮންނާނީ ދިފާއީ ގޮތުން ކަމަށާއި، މީގެ ބޭނުމަކީ މެދުއިރުމަތީގައި އޮތް ޙާލަތު އިތުރަށް ގޯސްވިޔަނުދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އީރާނުގެ އެއްބާރުލުން ބޭނުންވާނެ ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.

ނަމަވެސް، މި ކަމުގައި އީރާނުން އަދި މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.