ޚަބަރު

އޭޝިއާ މީޑިއާ ސަމިޓުގެ ހަވާސާގައި މުހިންމު ބައްދަލުވުންތަކެއް


  • ބައިނަލްއަޤުވާމީ މީޑިއާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވި

  • ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރި

އޭޝިއާ މީޑިއާ ސަމިޓު 2026ގެ ހަވާސާގެ ތެރެއިން ބައިނަލްއަޤުވާމީ މީޑިއާ ދާއިރާގެ އިސްވެރިންނާއެކު ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްއިން މުހިންމު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

މި ބައްދަލުވުންތަކުގައި އެކި ޤައުމުތަކުގެ މީޑިއާ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ޕީއެސްއެމްގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގެންނެވީ، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާމީންއެވެ. މީގެ އިތުރުން، އެ ކުންފުނީގެ ބައެއް އިސްވެރިންވެސް މި ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ސަމިޓުގެ ހަވާސާގައި ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ރަޝިޔާގެ އާރް.ޓީގެ ހެޑް އޮފް ކްރިއޭޓިވް ޕްރޮޖެކްޓްސް ބޮރިސް ގޯލޯވްއާއި، ބިމްސްޓެކްގެ ސެކްރެޓަރީ ޖެނެރަލް އިންދުރަ މަނީ ޕާންޑޭ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ޕީއެސްއެމްގެ ޓީމުން ވަނީ، ސްރީލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރާވެސް ބައްދަލުކުރައްވާފައެވެ.

ހަމައެއާއެކު، އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ރައީސާ އަދި ތައިލެންޑުގެ ގަވަރމަންޓް ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް ސުދްރުއެޓައި ލަރޓްކަސެމްއާއި، އަރަބި އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން ޔުނިޓުގެ ހެޑް ފެޓެން ފްރާދީ އާއެކުވެސް ވަކިވަކިން ބައްދަލުވުންތައް ބޭއްވިއެވެ.

މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކޮށްފައިވަނީ، ޕީއެސްއެމްއާއި އެ މުއައްސަސާތަކާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، މީޑިއާގެ ދާއިރާއިން އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. މީގެ ތެރޭގައި ޓެކްނިކަލް ދާއިރާއިން އެހީތެރިކަން ހޯދުމާއި، ކޮންޓެންޓް ބަދަލު ކުރުމާއި، މުވައްޒަފުން ތަމްރީނު ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

މިފަދަ ބައިނަލްއަޤުވާމީ ސަމިޓުތަކުގެ ސަބަބުން ދުނިޔޭގެ ކުރިއަރާފައިވާ މީޑިއާ މުއައްސަސާތަކާއެކު ގުޅުން އުފެއްދުމަށް މަގުފަހިވެ، ރާއްޖޭގެ މީޑިއާގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެ ކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވިއެވެ.

އޭޝިއާ މީޑިއާ ސަމިޓަކީ، އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން އިންތިޒާމުކުރާ ސަމިޓެކެވެ. "މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓް ކުރިއަށްދާނީ، މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާގައެވެ. މި ސަމިޓުގެ މެއިން ސްޕޮންސަރަކީ، ބޭންކް އޮފް މޯލްޑިވްސްއެވެ.