ދިވެހިވަންތަކަމުގައި ހުރި ރިވެތި ސިފަތަކާއި ސަގާފަތް ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސްގެ އަނބިކަނބަލުން މިހެން ވިދާޅުވީ ޤައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ޙިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ދިވެހީންނަކީ ދިރިއުޅުމުގައި ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ ބައެއް ކަމަށެވެ. އަދި ދިވެހިންނަކީ މަސައްކަތްތެރި، ހީވާގި، މުރާލި، ރަޙުމަތްތެރި ބައެއްކަމަށާއި ދިވެހިވަންތަކަމުގެ މިފަދަ ރީތި ސިފަތައް ޖީލުތަކަށް ފޯރުކޮށްދޭންޖެހޭކަމަށް މެޑަމް ވިދާޅުވިއެވެ.
ކާބަފައިން ވާރުތަކޮށްދިން ޤައުމީ އާސާރުތަކާއި ދިވެހިބަހާއި ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮ ގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤައުމީ އަމާނާތެއްކަމަށްވެސް މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ ބައެއް. މަސައްކަތްތެރި، ހީވާގި، މުރާލި، ރަޙްމަތްތެރި ރައްޔިތެއް. ދިވެހިވަންތަކަމުގައި ހުރި މިފަދަ ރިވެތި ސިފަތަކާއި، ކާބަފައިން ވާރުތަކޮށްދިން ޤައުމީ އާސާރުތަކާއި، ދިވެހި ބަހާއި، ދިވެހި… pic.twitter.com/LzZObYbT0F
— First Lady Sajidha Mohamed (@sajidhaamohamed) September 12, 2025
ރާއްޖޭގައި ޤައުމީ ތަރިކައިގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ފުރަތަމަ ފަހަރަށް ތަރިކައާ ބެހޭ ޤާނޫނެއް ވުޖޫދުވި ދުވަހެވެ. މި ޤާނޫނު ތަޞްދީޤުކުރެވުނީ 2019 ވަނަ އަހަރުއެވެ.
ތަރިކައަކީ ޤައުމެއްގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މާއްދީ އަދި މަޢުނަވީ ހެކިތަކެކެވެ. ޤައުމިއްޔަތުގެ އެކި ބަހާތައް ގުޅިފައިވަނީ ތަރިކައާއެވެ. މިއިން ކޮންމެ ބަހާއެއްވެސް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ ޤައުމުވަންތަކަން އެ ޤައުމެއްގައި ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމެކެވެ.