ޚަބަރު

ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯރމް ވިއްކާނުލުމަށް އިލްތިމާސްކުރައްވައިފި


ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯރމް ވިއްކާނުލުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރް ކަރެކްޝަންސް އޮފިސަރުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ކޮމިޝަނަރ މިގޮތަށް އިލްތިމާސްކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކުރިއަށްގެންދާ "ސެޓްފިކްޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގ" ނިންމުން ފާހަގަކުރުމަށް ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކަރެކްޝަނަލް އޮފިސަރުންގެ ބޭސިކް ޓްރެއިނިން ކޯސް ފުރިހަމަ ކުރި އޮފިސަރުންނާ މުޚާތަބު ކުރައްވައި ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ތަމްރީނެއްގެ ނިމުން ނޫން ކަމަށާއި އެއީ މުހިންމު ވާޖިބެއް އަދާކުރަން ފެށުން ކަމަށާއި ކަރެކްޝަނަލް އޮފިސަރުން ޚިދުމަތްކުރަނީ ސަލާމަތާއި ތަރުބިއްޔަތާއި އިންސާފުގެ ބެލެނިވެރިންގެ ގޮތުގައި ކަމަށެވެ.

ކަރެކްޝަންސް އޮފިސަރުންނަށް މައިގަނޑުގޮތެއްގައި ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތުތަކަކީ ކަރެކްޝަންސްގެ އޮފީސްތަކާއި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ބެލެހެއްޓުމާއި ޖަލުތަކުގައި ޤައިދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ލިބިގެންވާ އެންމެހާ ޙައްގުތައް ޤާއިމުކޮށް ބެލެހެއްޓުން ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުޙިއްމުކަމަށް ޢަލިއަޅުއްވާލައްވަމުން، ކޮމިޝަނަރ ވަނީ ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯރމް ވިއްކާނުލުމަށާއި ވަޒީފާގައި އުޅޭއިރު އިސްލާމް ދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ބަޔަކަށް ވުމަށް ކަރެކްޝަންސް އޮފިސަރުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކޯހުގައި އުގަންނާ ދެއްވި އެއްޗެހީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ޤައިދީން ރިހެބިލިޓޭޓްކުރުމަށް މަސައްކަތްކުރުމަށްވެސް އިލްތިމާސްކުރެއްވިއެވެ.

ކަރެކްޝަންސް އޮފިސަރުންގެ ބޭސިކް ޓްރެއިނިން ކޯހުގައި 27 ބައިވެރިން ބައިވެރިވިނަމަބެސް ކޯސް ފުރިހަމަ ކުރީ 22 ދަރިވަރުންނެވެ. މިއީ މި ކޯހުގެ ފުރަތަމަ ބެޗެވެ. ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުމަށް ހިންގާ ކަރެކްޝަންސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެކެވެ.

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކްވަނީ އަރުވާފައެވެ. މި ޕްރޮގްރާމްގެ ބެސްޓް އޯލް ރައުންޑަށް ޕްރިޒަން ޕްރައިވެޓް އިބްރާހިމް ނަސީރު ހޮވިފައިވާއިރު، ޕްރޮގްރާމްގެ "ފިޓަސްޓް އަންހެން އަދި ފިރިހެން" އޮފިސަރުންނަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ޝަހުމަދު ޝަމީމް އާއި ޕްރިޒަން ޕްރައިވެޓް އާއިޝަތު އިމްޝާ އަރީފްއެވެ. އަދި އެންމެ މޮޅު ޕްލެޓޫނަކަށް ހޮވިފައިވަނީ އައިވަރީ ޕްލެޓޫންއެވެ.

ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤެވެ.

ހަތަރު މޮޑިއުލްގެ މައްޗަށް ބިނާކޮށްފައިވާ ކަރެކްޝަނަލް އޮފިސަރުން ތަމްރީނުކުރުމުގެސެޓްފިކެޓް ލެވަލް އެކެއްގެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 1ގެ ސަނަދު ފެންވަރަށް ފަރުމާކޮށް ތައްޔާރު ކޮށްފައިވާ ކޯހެކެވެ.