ރަތް ކަނޑުގައި އަޅާފައިވާ ފައިބަރ އޮޕްޓިކް ކޭބަލްތަކެއް ބުރިވެ ދެކުނު އޭޝިޔާއާއި މެދުއިރުމަތީގެ ޤައުމުތަކުގައި އިންޓަނެޓް ޚިދުމަތަށް ބުރޫއަރައިފިއެވެ. ކޭބަލް ބުރިވުމުގެ ސަބަބުން އިންޓަނެޓުގެ ޚިދުމަތަށް އަސަރުކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އިންޑިިޔާއާއި ޕާކިސްތާނާއި އެކުވެރި ޢަރަބި އިމާރާތް ހިމެނެއެވެ.
ކަނޑުއަޑީގެ ކޭބަލްތަކަކީ އިންޓަނެޓް ފޯރުކޮށްދޭ މައި ނިޒާމު ކަމަށްވާއިރު، ދުނިޔޭގެ ޑޭޓާ ޓްރެފިކް އުފުލައިދެނީ މި ކޭބަލްތަކުންނެވެ. މެދުއިރުމަތީ ސަރަޙައްދަކީ އޭޝިޔާ އާއި ޔޫރަޕް ގުޅުވައިދޭ މުހިންމު މަރުކަޒެކެވެ. މި ކޭބަލްތަކަށް އުޅަނދުފަހަރުގެ ނަގިލިތަކުން ގެއްލުން ލިބުމުގެ ނުރައްކަލާއި ތަފާތު ޙަމަލާތައް އަމާޒުވުމުގެ ފުރުޞަތު އޮވެއެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ އިންޓަނެޓުގެ ޚިދުމަތަށް ބުރޫއަރައެވެ. މި ގޮތަށް ދިމާވާ މައްސަލަތަކަކީ ޙައްލު ކުރުމަށް އުނދަގޫ އަދި ވަގުތު ނަގައި މައްސަލަތަކެވެ. މައްސަލަ ޙައްލު ކުރެވެންދެން ގިނަ ފަހަރަށް ޚިދުމަތް ފޯރުކޮށްދޭ މަގު ބަދަލުކޮށްލަން ޖެހެއެވެ.
ކަނޑުއަޑީގައި އަޅާފައިވާ ގިނަ ކޭބަލްތަކެއް ބުރިބެފައިވާއިރު އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާ ކައިރީގައި އަޅާފައިވާ އެސްއެމްޑަބްލިޔު4 އަދި އައިއެމްއީޑަބްލިޔުއީ ނިޒާމު ހިމެނެއެވެ. ކޭބަލްތައް ބުރިވާން މެދުވެރިވި ސަބަބު މިހާތަނަށް ސާފުވެފައި ނުވާއިރު، މަސްރަހު ދިރާސާކުރާ ބައެއް އެނަލިސްޓުން ވަނީ ކޭބަލް ބުރިވުމާ ސަރަޙައްދީ ހަމަނުޖެހުންތަކާ ގުޅުމެއް އޮވެދާނެ ކަމަށް ފާހަގަކޮށްފައެވެ. އެ ގޮތުން ޔަމަން ކައިރީގައި ކުރިއަށްދާ ހަނގުރާމަވެރިންގެ ޙަރަކާތްތައް އެނަލިސްޓުން ފާހަގަކުރެއެވެ. ނަމަވެސް ކޭބަލްތައް ބުރިކުރުމުގައި ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ޖަމާޢަތްތަކުން ވަނީ ބުނެފައެވެ.
އިންޓަނެޓުގެ ޚިދުމަތް ދޭ މިންވަރު ވަޒަންކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ނެޓްބޮލޮކުން ވަނީ ސަޢުދީ ޢަރަބިއްޔާއާއި އިންޑިޔާއާއި ޕާކިސްތާނާއި ޔޫއޭއީ ހިމެނޭ ގޮތަށް ގިނަ ޤައުމުތަކެއްގެ އިންޓަނެޓު ޚިދުމަތަށް އަސަރުކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އެކުވެރި ޢަރަބި އިމާރާތުގައި އިންޓަނެޓުގެ ޚިދުމަތްދޭ އެތިސަލަތާއި ދޫއިން ވަނީ އިންޓަނެޓުގެ ދުވެލި މަޑުވެފައިވާ ކަމަށާއި ދޭތެރެދޭތެރެއިން ޚިދުމަތް ކެނޑެމުންދާ ކަމަށް ބުނެފައެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ޓެލެކޮމް ކުންފުނި ކަމަށްވާ ޕާކިސްތާނު ޓެލެކޮމިއުނިކޭޝަނުން ވެސް ބުނީ ޕީކް ގަޑިތަކުގައި ޚިދުމަތަށް އަސަރުކުރުން އެކަށީގެންވާ ކަމަށާއި އެ ކުންފުނީގެ ބައިނަލްއަޤްވާމީ ބައިވެރިން މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މައިކްރޯސޮފްޓުން ވެސް ބުނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ކްލައުޑް ޚިދުމަތް ކަމަށްވާ އެ ކުންފުނީގެ އަޒުރޭ ކްލައުޑް ޚިދުމަތަށް ބުރޫ އެރުން އެކަށީގެންވާ ކަމަށެވެ. މައްސަލަ ފާހަގަވެފައި ވަނީ ސެޕްޓެމްބަރު 6ވަނަ ދުވަހު ޖީއެމްޓީ ގަޑިން 05.45ގައި ކަމަށް ވެސް އެ ކުންފުނުން ބުނެފައިވެއެވެ. ކްލައުޑް ޚިދުމަތް ދިނުމުގައި އަސަރު ކުރާނީ މެދުއިރުމަތީގެ ކޭބަލްތައް މެދުވެރިކޮށް ދޭ ޚިދުމަތަށް އެކަނި ކަމަށް މައިކްރޯސޮފްޓުން ބުނެއެވެ.