އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 9 ލައްކަ ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ، ރާއްޖެ އައި ފަތުރުވެރިންގެ %73 އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިޔަން ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. އަދި ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5924 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެގޮތުން ރިސޯޓުތަކުގައި 727،709 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިއެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓެއް އަންނަނީ، އޮޕަރޭޓް ކުރަމުންނެވެ. ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ އަދަދުގެ %67 ހިއްސާކުރަނީ ރިސޯޓްތައްކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ
ތަފާސްހިސާބުތަކުން ދައްކައެވެ.
- ރިސޯޓު: 902,228 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވޭ
- ގެސްޓުހައުސް: 277,894 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވޭ
- ހޮޓާ: 29,401 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވޭ
- ސަފާރީ: 23,503 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވޭ
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ނިމުނު ޖުލައި މަހު ރާއްޖެއަށް ވަނީ 184،735 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރުގެ ޖޫންމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު %46 އިތުރު އަދަދެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާ އަޅާ ބަލާއިރު %1.9 ދަށް އަދަދެކެވެ.