ސަރުކާރުން ފަށާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ 7 އަތޮޅަކަށް ގަސް ފޮނުވުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްގެން ކުރަމުންދާކަމަށް ފަތުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ގަސް ބަހަމުންދަނީ ވ، ފ، ނ، ލ، ތ، ގއ އަދި ގދ އަތޮޅުގެ ރަށްތަކަށެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މި އަތަޅުތަކުގެ ރަށްތަކަށް ފޮވުވަމުންދަނީ ހައިވަކަރު ގަސްކަމަށެވެ.
5 މިލިޔަން ގަސް އިންދުމުގެ މަޝްރޫޢު ފަށާފައިވަނީ ރާއްޖޭގެ ފެހިކަން އިތުރުކޮށް ތިމާވެށި އިއާދަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމްގައި އިންދަމުންދާ ގަސްތަކުގެ ތެރޭގައި އެކި ބާވަތުގެ ބަގީޗާ ގަހުގެ އިތުރުން، ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސްތައް ހިމެނެއެވެ. އެގޮތުން އެމްޓީސީއާ ހަވާލުކޮށް، ރަށްތަކަށް ބެހުމުގެ މަސައްކަތް ކުރަމުންދާ ހައިވަކަރު ގަހަކީވެސް، ކުރިން ރާއްޖެއިން ގިނަ ފެނުނު ގަސްގަހާގެހީގެ ވައްތަރެކެވެ.
މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހި ގިނަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.
މި ޕްރޮގްރާމަށް އެހީތެރިކަން ދިނުމަށް ސްރީލަންކާއިން ވަނީ ގިނަ އަދަދަކަށް ރާއްޖެއަށް ހައިވަކަރު ގަސް ހަދިޔާކޮށްފައެވެ.
މި ގަސްތައް މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން، ރިސޯޓްތަކަށްވެސް ފޯރުކޮށްދީފަވެއެވެ. އަދި ރާއްޖޭގެ އެއަރޕޯޓްތައް ހިންގާ ސަރަޙައްދުތަކުގައި ޖެހުމަށްވެސް ވަނީ ފޮނުވާފައެވެ. ހައިވަކަރު ގަސްތަކަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތިން ލޭންޑްމަރކްއެއްގެ ގޮތުގައި އިންދުމަށް ހަމަޖެހިފައިވާ ގަސްތަކެއްކަން އެވުޒާރާއިން މީގެކުރިން ފާހަގަކުރައްވާފަވެއެވެ.
ގަސް އިންދުމުގެ މި މަޝްރޫޢުއަކީ ރާއްޖޭގެ ރަށްތަކަށް ފެހިކަން ގެނެސްދީ، ޖައްވަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަމާޒުކޮށްފައިވާ މަސައްކަތެކެވެ. 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެދަށުން މިހާތަނަށް 650000އަށްވުރެ ގިނަ ގަސް އިންދާފަވެއެވެ. 5 މިލިއަން ގަސް އިންދުމަށް ޢަމާޒު ކަނޑައެޅިނަމަވެސް، އެކަމަށް ކުރަމުންދާ ގިނަގުނަ މަސައްކަތްތަކާއެކު މި އަދަދު މިހާރު 6.4 މިލިއަނަށް އަރާނެކަމަށް އުންމީދުކުރާކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މިކަމުގައި ވަރަށް ގިނަ ކުންފުނިތަކުން ބައިވެރިވެ، ބޮޑު އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުންނެވެ.