ޚަބަރު

ލިސްބަންގައި ކޭބަލް ކާރެއް ދަގަނޑުން ކަހާލައި އެތައް ބަޔަކު މަރުވެއްޖެ


ޕޯޗުގަލްގެ ލިސްބަންގައި ފަތުރުވެރިންގެ މެދުގައި މަގުބޫލު ކޭބަލް ކާރެއް ދަގަނޑުން ކަހާލައި ބަޔަކު މަރުވުމާ ގުޅިގެން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން އެ ހާދިޘާ ތަހުޤީޤުކުރަން ފަށައިފިއެވެ.

ހާދިޘާ ހިިނގީ ލިސްބަންގެ 265 މީޓަރުގެ ފަރުބަދައެއް މަތިން މީހުން އުފުލައިދޭ މި އުޅަނދުގެ ދެ ބައި ގުޅުވައިދޭ ކޭބަލް ކަނޑައިގެން ގޮސް, ކާރު ދަގަނޑުން ކަހާލައި އިމާރާތެއްގައި ޖެހުމުންނެވެ. މަތިން ތިރިއަށް ދަތުރުކުރި ކޭބަލް ކާރު ވެއްޓުނު ގަޑީގައި ތިރިން މައްޗަށް ދަތުރުކުރަމުންދިޔަ ކޭބަލް ކާރުގައި ނުޖެހުނީ ކިރިޔާއެވެ.

ސެޕްޓެމްބަރު މަހުގެ 3ވަނަ ދުވަހު ހިނގި މި ހާދިޘާގައި 16 މީހުން މަރުވެ 22 މީހުންނަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރޭގައި ޕޯޗުގަލްއަށް ނިޞްބަތްވާ ފަސް މީހުންނާއި ދެކުނު ކޮރެޔާގެ ދެ ރައްޔިތުންނާއި ސްވިޒަލެންޑުގެ ރައްޔިތެއް ހިމެނެއެވެ. ނަމަވެސް މަރުވި މީހުންގެ އިތުރު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ. ހަށިތައް ދެނެގަތުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ޤައުމުގެ ރައްޔިތެއް ވެސް އެ ހާދިޘާގައި މަރުވެފައިވާ ކަމަށެވެ. ޕޯޗުގަލްގެ ފުލުހުންގެ އިސްވެރިއެއް ކަމަށްވާ ލުއީޒް ނެވޭޒް ވިދާޅުވީ ހާދިޘާގައި ކެނެޑާއަށް ނިސްބަތްވާ ދެ މީހުންނާއި ޔޫކްރެއިންގެ ރައްޔިތަކާއި ޖަރުމަނުވިލާތުގެ ރައްޔިތެއް ވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެކްސިޑެންޓާ ގުޅިގެން ޕޯޗުގަލުން ވަނީ ބައި ދަނޑިއަށް ދިދަ ތިރިކޮށް ޤައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ހާދިޘާ ހިނގި ދުވަސް ކަނޑައަޅައިފައެވެ. އެ ޤައުމުގެ ބޮޑުވަޒީރު، ލުއީސް މޮންޓެނެގްރޯ ވިދާޅުވީ މިއީ ފަހުގެ ތާރީޚެއްގައި އެ ޤައުމުގައި ހިނގާފައިވާ އެންމެ ހިތާމަވެރި އެއް ހާދިޘާ ކަމަށާއި ހާދިޘާ ހިނގުމަށް މެދުވެރިވި ސަބަބު ދެނެގަނެ ތަހުޤީޤު ވަރަށް އަވަހަށް ނިންމައިލާނެ ކަމަށެވެ. ހާދިޘާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ ޢާއިލާތައް އެކްސިޑެންޓު ހިނގި ސަރަޙައްދަށް ގެންދިޔުމާއި މަރުވެފައިވާ މީހުންގެ ހަށިތައް އެ މީހުންގެ ޤައުމަށް އަނބުރާ ފޮނުވައިލުމުގެ އިންތިޒާމު ޕޯޗުގަލްގެ ޤައުމީ އެއަރލައިން، ޓެޕް މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕޯޗުގަލްގެ ފެކްޓްރަންސް ޔޫނިއަނުން ބުނީ ކާރުތައް ދަމައިދޭ ކޭބަލްގެ ޓެންޝަންގެ މައްސަލަތަކެއް ހުރި ކަމަށް މަސައްކަތްތެރިން މީގެ ކުރިން ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ އެކްސިޑެންޓު ހިނގުމަށް މެދުވެރިވި ސަބަބު ކަމަށް ބުނުމަށް އަދި އަވަސް ކަމަށް އެ ޔޫނިއަނުން ފާހަގަކުރެއެވެ. މުނިސިޕަލް ދަތުރުފަތުރުގެ މަސައްކަތް ފޯރުކޮށްދޭ ކުންފުނި، ކެރިސްއިން ބުނީ ކާރުތަކުގެ މެއިންޓެނަންސް މަސައްކަތް ޤަވާއިދުން ބަރާބަރަށް ކުރަމުންދާ ކަމަށެވެ. ހާދިޘާ ހިނގި ދުވަހުގެ ހެނދުނު ވެސް އިންސްޕެކްޝަންތައް ހަދާފައިވާ ކަމަށާއި އެއްވެސް މައްސަލައެއް އޭރު ފާހަގަވެފައި ނުވާ ކަމަށް ކެރިސްގެ އިސްވެރިޔާ، ޕެޑްރޯ ބޮގަސް ވިދާޅުވިއެވެ.