ޚަބަރު

ރީކަނެކްޓިންގ ޑުއޯ: ރިސޯޓު 2 މެނޭޖަރަކު ޅ. އަތޮޅު ހުރަސްކޮށް ފަލިޖަހަނީ


  • މިހަރަކާތުގެ ތެރެއިން ޅަވިޔަނި އަތޮޅުގެ 58ކިލޯމީޓަރުގެ ސަރަޙައްދެއްގައި ފަލި ޖަހާނެ

  • ވެލާ އަދި ކަހަނބު ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ހޭލުންތެރިކުރުވާނެ

ވެލާ އަދި ކަހަނބު ހިމާޔާތްކުރުމަށް ކުރާ މަސައްކަތްތަކަށް ހޭލުންތެރިކުރުވުމުގެ މަޤްސަދުގައި ދެ ރިސޯޓެއްގެ މެނޭޖަރުން ގުޅިގެން، ޅަވިޔަނި އަތޮޅު ހުރަސްކޮށް ފަލިޖެހުމަށް ހިންގާ ހަރަކާތް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން އެންޑޯސްކޮށްފިއެވެ.

"ރީކަނެކްޓިންގ ޑުއޯ"ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތަކީ ކޯރާ ކޯރާ މޯލްޑިވްސްގެ ރިސޯޓް މެނޭޖަރ މުޢިޒު މުޙައްމަދާއި، ދަ ސްޓޭންޑަރޑް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ޖަސްޓިން ސްވާޓް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގައި މި ދެ ރިސޯޓް މެނޭޖަރުން ޅަވިޔަނި އަތޮޅުގެ 58ކިލޯމީޓަރުގެ ސަރަޙައްދެއްގައި ފަލި ޖަހާނެއެވެ. އަދި ވެލާ އަދި ކަހަނބުފަދަ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން އެއަތޮޅު ރައްޔިތުން ހޭލުންތެރިކުރުވާނެއެވެ.

މީގެ އިތުރުން، ޅަވިޔަނި އަތޮޅުގައި ހުންނަ އެޓޮލް މެރިން ސެންޓަރާއި ގުޅިގެން ވެލާ ކަހަނބު ހިމާޔަތްކުރުމާއި، އެކި ގެއްލުންތަކާއެކު އެ ސެންޓަރަށްގެނެވޭ ވެލަޔަށް ފަރުވާ ދިނުމަށްފަހު އަލުން ކަނޑުތަކަށް ދޫކުރުމަށް ކުރާ މަސައްކަތްތަކަށް އަހުލުވެރިކުރުވާނެއެވެ. އަދި މިއީ ޅަވިޔަނި ޓަރޓަލް ފެސްޓިވަލް އިތުރަށް އިޝްތިޙާރުކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްވެސް މެއެވެ.

ނައިފަރު ޖުވެނައިލުން އިސްނަގައިގެން އެޓޮލް މެރިން ސެންޓަރ އަދި އެޓޮލް ވޮލަންޓިއަރޒްއާއެކު 2016ން ފެށިގެން ކުރިއަށްދާ ޅަވިޔަނި ޓަރޓަލް ފެސްޓިވަލަކީ، މާލެ ސަރަހައްދުން ބޭރުގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. އަހަރަކު 3000އަށްވުރެ ގިނަ މީހުން ބައިވެރިވާ މި ހަރަކާތުގައި ސްކޫލް ދަރިވަރުންނާއި، ޒުވާން ޖީލުތަކަށް ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމުކަމުގެ އިތުރުން ވެލާ އަދި ކަހަނބަށް އިންސާނުންގެ ސަބަބުން ކުރިމަތިވަމުންދާ ގެއްލުންތަކާމެދު އަހުލުވެރިކުރުވައެވެ.

މިފަދަ އިޖުތިމާޢީ މަސައްކަތްތަކުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިން، ޙާއްސަކޮށް ރިސޯޓްތަކުން ދޭ އެއްބާރުލުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި މިއީ ރާއްޖޭގެ ގުދުރަތީ މުއްސަނދިކަމާއި ކަނޑުފަޅުތަކުގެ ދިރުން ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގައި އިޖްތިމާޢި ބައިވެރވުން އިތުރުކުރުމަށް ދިވެހި ފަތުރުވެރިކަމުގެ ސިނާޢަތުން ދޭ އަހައްމިއްޔަތުގެ އަލިގަދަ ރަމްޒެއްކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.