ޚަބަރު

ކުޅުދުއްފުށީގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3ވަނަ ފިޔަވަހި ފަށައިފި


  • 3.45 ކިލޯމީޓަރުގެ މަގުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފަ

  • މިމަަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށް

ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެރަށުގެ މަގުތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެވެ.

ކުޅުދުއްފުށި ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވާދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ.

ކުޅުދުއްފުށި ސިޓީގެ މަގު ހެދުމުގެ މަޝްރޫޢުގެ 3 ވަނަ ފިޔަވަހީގެ ދަށުން 3.45 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަޝްރޫޢުގެ މަަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ސަރުކާރުން ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރައްވަމުންނެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މަގުތައް ތަރައްޤީކުރާނީ ރަށުގެ ރައްޔިތުން ބޭނުންވާގޮތަށްކަމަށެވެ.

ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރާއިރު ފުރަތަމަ އިސްކަންދެނީ ރަށުގެ މުއައްސަސާތައް ހުންނަ މަގުތަކާއި މަރާމާތުކުރަންޖެހޭ މަގުތައް ތަރައްޤީކުރުމަށެވެ. މަގުތައް ތަރައްޤީކުރާއިރު ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ ވަޞީލަތްތައް ޤާއިމްކުރާނެއެވެ.