ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓުތައް ރަސްމީކޮށް އެރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.
މި ހައުސިން ޔުނިޓްތައް ރަސްމީކޮށް ހަވާލުކުރުމުގެ ލިޔުން ރަށު ކައުންސިލާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި މިލިޔުން ކައުންސިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ނޮޅިވަރަންފަރުގައި ތަރައްޤީކޮށްފައިވަނީ 100 ހައުސިން ޔުނިޓެވެ. މިހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމާފައިވަނީ 2022 ވަނަ އަހަރުއެވެ.
ނޮޅިވަރަންފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިރޭ ހަވާލުކުރި 100 ހައުސިން ޔުނިޓުން އެރަށުގެ ބޯހިޔާވަހިކަމަށް ހައްލުނާންނަކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ އެރަށުގައި އިތުރު 250 ހައުސިން ޔުނިޓް އެޅުމަށް ނިންމަވާފައިވާކަމަށާއި އަންނަމަހު 100 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީއާ ހަވާލުކުރައްވާނެކަމަށެވެ.
އަދި އެ ޔުނިޓްތައް ތަރައްޤީކުރާނީ ނޮޅިވަރަންފަރުގެ ރައްޔިތުންގެ ތެރެއިން ގޯތި އޮވެ ގޯތި އެޅޭނެ ގޮތް ނެތިފައި ތިބިމީހުންގެ ގޯތީގައި 3 ކޮޓަރީގެ ގެއެއް އެޅުމުގެ މަޝްރޫޢެއްގެ ގޮތުގައިކަމަށެވެ. އަދި އިތުރު މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.