ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ނޮޅިވަރަމުގެ ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ނޮޅިވަރަމުގައި އިމާރާތްކުރާ ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ނޮޅިވަރަމު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ. އަރިހުގައި އެރަށުގެ ކައުންސިލްގެ ރައީސް، އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް، އާރުސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ނޮޅިވަރަމު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތަކީ، ބާވެ ވީރާނާވެފައިވާ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 100 އަށްވުރެ ގިނަ ރަށުގެ ކައުންސިލް އިދާރާގެ އައު ޢިމާރާތްތައް ތަރައްޤީކުރެއްވުމެވެ.
އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް އާރުސީސީއާ ވަނީ ޙަވާލުކޮށްފައެވެ. 631 މިލިޔަން ރުފިޔާގެ މި މަޝްރޫޢު ނިމޭއެރު، ކައުންސިލް އިދާރާގެ ގޯތީގެ ވަށާފާރު ރާނައި، އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ހުންނާނެކަމަށް ސިޓީތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.