ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ހުއްޓުމެއްނެތި ދެމުންދާ ލާއިންސާނީ ޢުދުވާނުގައި، މިހާތަނަށް ޝަހީދުވި މީހުންގެ 83 އިންސައްތަކީ ޢާންމުންކަމަށް، ޔަހޫދީ ޖާސޫސީ މަޢުލޫމާތުތަކަކާ ޙަވާލާދީ ތިން ނޫހެއް ގުޅިގެން ގެނެސްފައިވާ ތަޙުޤީޤީ ރިޕޯޓެއްގައި ބުނެފިއެވެ.
"ދަ ގާޑިއަން"، "+972 މެގަޒީން" އަދި "ދަ ލޯކަލް" ގުޅިގެން ޢާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޣައްޒާއަށް ޢުދުވާނުތައް ދޭން ފެށި ފަހުން ފާއިތުވި 19 މަސް ދުވަހުގެ ތެރޭގައި، މަރައިލެވިފައިވާ ކަމަށް ޔަހޫދީންގެ ޖާސޫސީ މަޢުލޫމާތުތަކުގައި އަންދާޒާކުރަނީ 8،900 ފަލަސްޠީނުގެ މުޖާހިދުންނެވެ.
މި މުއްދަތުގެ ތެރޭގައި، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި މިދިޔަ މައި މަހާ ހަމައަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 53،000އަށް އަރާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާގެ ރަސްމީ ހިސާބުތަކުން ދައްކާއިރު، އޭގެ މާނައަކީ، ޔަހޫދީންގެ ޢުދުވާނުގައި ޝަހީދުވެފައިވާ މީހުންގެ 83 އިންސައްތައަކީ ޢާންމުންކަމެވެ.
މިއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަކަކަށް ޢާންމުން ޤަތުލުކޮށްފައިވާ ހަނގުރާމައިގެ ގޮތުގައި އެ ރިޕޯޓުގައި ސިފަކޮށްފައިވެއެވެ.
އަދި މި ކަމުން، ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީން ރާވައިގެން މަސައްކަތް ކުރަމުންދާކަމަށް އިތުރަށް ބާރު ލިބޭކަމަށް އެ ރިޕޯޓު ލިޔުނު ނޫސްވެރިން ބުނެފައިވެއެވެ.
އެ ރިޕޯޓަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ރަސްމީކޮށް އެއްޗެއް ބުނަން ދެކޮޅު ހަދާފައިވީނަމަވެސް، މި ޖާސޫސީ މަޢުލޫމާތު ސީދާ ދޮގުކޮށްފައިވާ ނުވާ ކަމަށް ބުންޏެވެ.
މި ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތަކީ މިދިޔަ މެއި މަހާ ހަމައަށް ހުރި އަދަދުތައް ކަމަށްވާއިރު، އޭގެ ފަހުން ޔަހޫދީންގެ ޝަހީދުކޮށްލާފައިވާ މީހުންނާ އެކު، ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 62،000އަށް ވުރެ މައްޗަށް އަރައިފައެވެ.
އަދި ޔަހޫދީންގެ ހުއްޓުމެއްނެތި ދެމުންދާ ޢުދުވާނުގައި ޒަޚަމްވި މީހުންގެ އަދަދު 150،000އަށް ވުރެ އިތުރުވެފައިވާކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.