ޚަބަރު

ޔުނައިޓެޑްގެ ދާއިމީ ކޯޗަކަށް ކެރިކް!


މި ސީޒަނުގެ މެދު ތެރެއިން މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވި މައިކަލް ކެރިކަށް އެ ޓީމުގެ ދާއިމީ ކޯޗުކަން ދޭން ޔުނައިޓެޑްގެ އިސް ވެރިން ނިންމައިފި އެވެ.

އުމުރުން 44 އަހަރުގެ ކެރިކް ޔުނައިޓެޑްގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވެފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. މިއީ އޭނާ ޔުނައިޓެޑްގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވި ދެވަނަ ފަހަރެވެ. ކުރިން އޭނާ ވަގުތީ ގޮތުން ހަވާލުވެފައިވަނީ 2021 ވަނަ އަހަރު އޭރު ކޯޗަކަށް ހުރި އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމަށްފަހުގަ އެވެ.

އިނގިރޭސި މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ޔުނައިޓެޑް އިން ކެރިކަށް ދޭން ނިންމާފައިވަނީ 2 އަހަރުގެ ދާއިމީ ކޮންޓްރެކްޓެކެވެ. ނަމަވެސް އެ ކޮންޓްރެކްޓްގައި ވަނީ އެއް އަހަރު އިތުރު ކުރެވޭނެފަދަ މާއްދާއެއް ހިމަނާފަ އެވެ.

ޔުނައިޓެޑްގެ ކޯޗު ކަމާއި ކެރިން ހަވާލުވި ފަހުން އެ ކްލަބް ކުޅުނު 14 މެޗުގެ ތެރެއިން 10 މެޗުން މޮޅުވިއިރު, ދެ މެޗުން ބަލިވެ ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. މީގެ އިތުރުން ދެ ސީޒަނަށްފަހު ޔުނައިޓެޑް އިން ވަނީ ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދާފަ އެވެ.

މި ހަފްތާގައި ޔުނައިޓެޑް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެރިކް ބުނެފައިވަނީ އޭނާގެ މުސްތަގުބަލާއިމެދު ވަރަށް އަވަހަށް ގޮތެއް ނިމިގެންދާނެ ކަމަށެވެ.