ޚަބަރު

ޑައިވަރުން ހޯދުން: ހޮނިހިރު ދުވަހު ކޭވް އެއްކޮށް ބަލާ ނިމޭނެ


  • ޑައިވަރުން ގެއްލިފައިވަނީ 200 މީޓަރު ދިގު 70 މީޓަރު ފުން ކޭވްއަކަށް

  • ރާއްޖޭގައި 30 މީޓަރު ފުނުގައިވެސް ހިތްގައިމު ކޭވްތައް ހުރޭ

  • ގެއްލުނު 5 ޑައިވަރުންގެ ތެރެއިން މިހާތަނަށް ފެނުނީ އެކަކުގެ ހަށިގަނޑު

އިޓަލީ ޑައިވަރުން ހޯދުމަށް ކުރިއަށްގެންދާ ސަރޗް އޮޕަރޭޝަންގައި ހުކުރު ދުވަހު ކުރި ޑައިވްގައި ކޭވްގެ ބޮޑު ބައެއް ބަލާފައިވާކަމަށް އެމްއެންޑީއެފްގެ ކޮމާޑަންޓް ކޯސްޓްގާޑް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވެއްޖެއެވެ. މިކޭވްއަކީ އެތެރެއަށް ވަދެވޭގޮތަށް ގާތްގަނޑަކަށް 200 އެއްހާ މީޓަރު ދިގު ކޭވްއެއްކަމަށް ވިދާޅުވިއެވެ.

ވ. އަތޮޅުގައި ކަނޑު އަޑީގައި ހުރި ކޭވްއެއްގެ ތެރޭގައި ޑައިވްކުރަން ގޮސްއުޅުނު އިޓަލީގެ ރައްޔިތުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ އެންމެ ފަހުގެ މަޢުލޫމާތު އެމްއެންޑީއެފްއިން ވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ހިއްސާކުރައްވާފައެވެ.

މިއޮޕަރޭޝަންގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ ކޮމާޑަންޓް ކޯސްޓްގާޑް ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، މިކޭވްއަކީ ރާއްޖޭގައި އާންމުކޮށް ޑައިވްކޮށް އުޅޭ ސަރަޙައްދުތަކަށްވުރެ ވަރަށް ފުނުގައި ހުރި ސަރަޙައްދެއްކަމަށެވެ. އެގޮތުން 200 އެއްހާ މީޓަރު ދިގު އަދި ކޭވްގެ އެންމެ އެތެރޭގައި 70 މީޓަރު ހުންނަކަމަށް ސަލީމް ވިދާޅުވިއެވެ. މީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް މިކޭވްގެ ބޮޑުބައެއް ހުކުރު ދުވަހު ކުރިއަށްގެންދިޔަ ޑައިވްގައި ބަލާފައިވާކަމަށް ވިދާޅުވިއެވެ. އަދި ހޮނިހިރު ދުވަހު ކޭވްގެ ބާކީ ބެލުމަށްޓަކައި ދެވަނަ ޑައިވްކުރުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ.

"މިވަގުތުގެ މޫސުން އެސަރަޙައްދުގައި ހުރިގޮތުންނާއި ކަނޑުއަޑީގެ އޮއެ ހުރިގޮތުން ދަތިތަކާ އެބަކުރިމަތިވޭ. މިއަދުގެ ޑައިވްއަށްފަހު އަޅުގަނޑުމެންގެ ޓީމް، ޑައިވް އިންޓަރވަލް ހަމަކުރަންޖެހޭތީ އަނެއް ޑައިވް އަޅުގަނޑުމެން ކުރިއަށްގެންދާނީ މާދަމާ. އަދިވެސް އަޅުގަނޑުމެން އެމީހުން މައްޗަށް ސަރފޭސް ވެދާނެކަމުގެ އުއްމީދުވެސް ދޫކޮށްލީއެއް ނޫން. އޭރިއަލް ޑްރޯން ބޭނުންކޮށްގެން އަޅުގަނޑުމެން މިދަނީ ބަލަމުން އެކަމަކު މިކަން ހިނގާފަ އޮތްގޮތަށް ބަލާއިރު ބޮޑަށް ބެލެވެނީ ކޭވްގެ ތެރެއިން ފެނިދާނެކަމަށް." ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

ރާއްޖެމިއަދުގައި ވާހަކަދައްކަވަމުން ކޮމާންޑާ ސްޕެޝަލް ބޯޓްސް، ސްކޮޑްރަން ލެފްޓިނެންޓް ކާނަލް ޢަލީ ނިޔާޒް ވިދާޅުވީ އާދައިގެ ޑައިވްތަކަށްވުރެ މިފަދަ ޑައިވްތަކުގައި ބަލަންޖެހޭކަންކަން އިތުރުކަމަށެވެ.

އެގޮތުން މިފަހަރުގެ ކޭސްގައި ފުދޭވަރަކަށް އަޑިއަށް ޑައިވްކުރަންޖެހޭތީ، ޓީމުގެ މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަމަށްވެސް ބަލަންޖެހޭ މުހިއްމުކަންކަން ހުންނަކަމަށް ވިދާޅުވިއެވެ.

"އަންމުކޮށް ފުނަށްކުރާ ޑައިވްތަކުގައި، އާންމުކޮށް މިކުރާ ޑައިވްތަކާއި ތަފާތުކޮށް އަޅުގަނޑުމެން ޕްލޭންކުރާނެ. މިގޮތުން ޑައިވްކުރާ ފަރާތުގެ ސަލާމަތާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަމާއި ޚާއްސަކޮށް އިކުއިޕްމެންޓްތައް ވަރަށް ބޮޑަށް ބަލާނެ ޑައިވްގެ މަޤްސަދު ޙާސިލުކުރަން." ލެފްޓިނެންޓް ކާނަލް ޢަލީ ނިޔާޒް ވިދާޅުވިއެވެ.

ސަރޗް އޮޕަރޭޝަންތަކުގައި ޑައިވް ޓީމުތަކުން ކުރިއަށްގެންދަނީ ނުރައްކާ ޑައިވްތަކެއްކަން އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ. މިގޮތުން އާންމުކޮށް ރެކްރިއޭޝަނަލް ޑައިވްތަކުގައި ހުއްދަ އޮންނަނީ ހަމައެކަނި 30 މީޓަރަށް ޑައިވްކުރުމަށްނަމަވެސް މިކޭސްގައި އެއަށްވުރެ ވަރަށް ބޮޑަށް އަޑިއަށް ފީނާފައިވާކަން އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ. އެހާ އަޑިއަށް ފީނުމަށްޓަކައި ޚާއްސަ އާލާތްތަކެއް ބޭނުންކުރަންޖެހޭއިރު އެހާ އަޑިއަށް ދިޔުމަށް ޚާއްސަ ތަމްރީނުތަކެއް ހުންނަންޖެހޭކަންވެސް ފާހަގަކުރެއްވިއެވެ.

އިޓަލީގެ 5 ޑައިވަރުން ގެއްލިގެން ބުރާސްފަތި ދުވަހުން ފެށިގެން، ޚާއްސަ ސަރޗް އޮޕަރޭޝަނެއް އަންނަނީ ހިންގަމުންނެވެ. މިއޮޕަރޭޝަންގައި ހޮނިހިރު ދުވަހު ކުރިއަށްގެންދާ ބަޔަށްފަހު އިތުރު އެހީއެއް އެހެން ޤައުމަކުން ހޯދަންޖެހޭނަމަ އެކަންވެސް ކުރައްވާނެކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވަރަށް ރައްކާތެރިކަމާއެކު ބަލާލެވޭނެ ކޭވްތައް 30 މީޓަރު އަޑިގައިވެސް ހުރިކަން އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާ ޤައުމެއްގައި މިފަދަ ޙާދިސާއެއްގެ އެންމެ ސައްޙަ މަޢުލޫމާތު ހާމަވުމަކީވެސް މުހިއްމުކަމެއްކަން އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ. އެގޮތުން ރާއްޖެއަކީ ޑައިވްކުރުމާއި ކަނޑުމަތީގެ އެކި ސްޕޯޓްސް ޙަރަކާތްތައް ހިންގުމަށްވެސް ރައްކާތެރި ޤައުމެއްކަންވަނީ ފާހަގަކުރައްވާފައެވެ. ދެކުނު އޭޝިއާ ސަރަޙައްދަށް ބަލާއިރުވެސް ރާއްޖެއަކީ މިފަދަ ކަނޑުމަތީގެ ކޭސްތައް މަދު ޤައުމެއްކަން އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ.