ޚަބަރު

ތޮއްޑޫއަށް ރައީސް އިޢުލާންކުރެއްވީ ފުޑް ފެކަލްޓީއާއި، 30 އެނދުގެ ހޮސްޕިޓަލަކާއި ސީޕްލޭން ޚިދުމަތް


  • ސީޕްލޭންގެ ޚިދުމަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ

  • 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރާނެ

ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ފުޑް ސައިންސް އުފައްދައި ތޮއްޑޫގައި އެފެކަލްޓީ ހިންގުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ. ރައީސް ވަނީ ތޮއްޑޫއަށް ސީޕްލޭން އޮޕަރޭޓުކުރުމުގެ ޚިދުމަތާއެކު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަވާނެކަމަށް ވިދާޅުވެފައެވެ.

އއ. ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ތޮއްޑޫގެ ތަރައްޤީއަށް ކުރަންހުރި އަދި ރައްޔިތުން އުންމީދުކުރާ ކަންކަން ފުރިހަމަކުރެއްވުމަށްކަމަށެވެ. އެގޮތުން ޑޮލަރު އޭޓީއެމްގެ ޚިދުމަތާއި، ބީއެމްއެލް ބްރާންޗެއް ޤާއިމްކުރުމުގެ މަސައްކަތް ފެށުމާއި، ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތާއި، ކައުންސިލް އިމާރާތާއި، ތިން ކޯޓުގެ އިންޑޯ ބެޑްމިންޓަން ހޯލް ޤާއިމްކުރުމުގެ މަސައްކަތް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އަދި ރައީސްގެ ދަތުރުފުޅުގައި ސޮއިކުރެވުނު ތޮއްޑޫ ސްކޫލަށް 10 ކްލާސްރޫމާއި އެހެނިހެން ވަސީލަތް ޤާއިމްކުރުމާއި، ދެކުނުފަރާތު ފާލަން ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނޭޙެން ހުރިހާކަމެއް ސަރުކާރުން ވަރަށް ސަމާލުކަންދީގެން ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން ތޮއްޑޫ ސިއްޙީ މަރުކަޒުގެ ގްރޭޑު އެންމެ މަތީ ގްރޭޑަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެއީ 30 އެނދުގެ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގައި ފައިސާ ހަމަޖެހި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށާއި، މި މަޝްރޫޢުގެ ޑިޒައިންގައި 30 އެނދުގެ އިތުރުން އައިސީޔޫއާއި އިތުރު ގިނަ ވަސީލަތްތައް ހިމެނޭތީ، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ފުރުޞަތުވެސް އެބައޮތްކަމަށް އެކްސްޕާޓުން ލަފާދެއްވާފައިވާތީ، އެ މަޝްރޫޢު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ތޮއްޑޫގެ ރައްޔިތުން އެދޭގޮތަށް މަގުތައް ތަރައްޤީކުރުންވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ގާއެތުރުމަށް ރައްޔިތުން ނިންމާފައިވާތީ، އަޅުގަނޑަށްވެސް ވަރަށް ކަމުދާގޮތެއް އެއީ، އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެން އެދަނީ. އެއީވެސް ތޮއްޑޫގެ ތަރައްޤީއަށް އޭގެ ސަބަބުން ކުރިއެރުން އަންނާނެ މަޝްރޫޢެއް. ބާރު ސްޕީޑުގައި ކުރިއަށްދާނެ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ފުޓުބޯޅަ ދަނޑުގައި ލައިޓު ޖަހައި އިތުރަށް ތަރައްޤީކުރުމާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްޤީކުރުމާއި އައުޓްޑޯ ޖިމުގެ މަސައްކަތްވެސް މިއަހަރު ކުރިއަށްދާނެކަމަށެވެ.

ތޮއްޑޫއަކީ ދަނޑުވެރި ރަށަކަށްވާތީ، ސަރުކާރުގެ ދަނޑުވެރިކަމުގެ ސިނާޢަތާއި މަތީ ތަޢުލީމުގެ ދާއިރާއިންވެސް އެރަށް ކުރިއެރުވުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ފުޑް ސައިންސް ތޮއްޑޫގައި އުފައްދައި ހިންގާނެކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ. އެފެކަލްޓީ ޤާއިމްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަމަށާއި، އެއީ ތަޢުލީމީގޮތުންނާއި އެނޫންވެސް ގޮތުން ފައިދާވާނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"މާގިނަ ދުވަހެއްނުވެ އަމަލީ މަސައްކަތް ފެށޭނެ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ރަށްރަށުގެ ރައްޔިތުންކުރާ އިޤްތިޞާދީ މަސައްކަތް ކުރިއެރުވުމަށް އިސްކަންދެއްވާކަމަށާއި، އޭގެތެރޭގައި މަސްވެރިކަމާއި ޓޫރިޒަމާއި ދަނޑުވެރިކަން ހިމެނޭކަމަށާއި، މި ހުރިހާކަމެއް ކުރިއަރާފައިވާ ރަށެއްގެގޮތުގައި ރައީސް ވަނީ ތޮއްޑޫ ފާހަގަކުރައްވާފައެވެ.
އެގޮތުން ތޮއްޑޫއަށް ޚާއްޞަކޮށްގެން ސީޕްލޭން ޕްލެޓުފޯމެއް ޤާއިމްކޮށް އަންނަ އަހަރުގެ ފެބުރުއަރީގައި ޝެޑިއުލް ސީޕްލޭންގެ ޚިދުމަތް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ޚާއްޞަކޮށް ކަނޑު ގަދަވާ ދުވަސްތަކުގައި ޓޫރިޒަމް ހިންގާ މީހުންނަށް ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް ފަސޭހަވެގެންދާނެ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އަންނަ އަހަރު މުޅި ރާއްޖޭގައި ހޭންޑު ބޯލް ކުރިއެރުވުމަށް ހިންގާ ބިޔަ މަޝްރޫޢުގެ ތެރެއިން ތޮއްޑޫގައިވެސް ހޭންޑު ބޯލް ކޯޓު ޤާއިމްކޮށްދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ސްޕޯޓްސް ފިޝިންއަށް ޚާއްޞަ ބޮއި ތޮއްޑޫ ސަރަހައްދުގައި ޤާއިމްކުރެވޭނެކަމަށްވެސް ރައީސް ވަނީ
ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ރައްޔިތުން އެދޭގޮތަށް ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.