78 އެތުލީޓުންނާއެކު ސްޕެޝަލް އޮލިމްޕިކްސް މުބާރާތް މި މަހުގެ 22 ގައި ފަށާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިމުބާރާތް ކުރިއަށްދާނީ ދެ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މިގޮތުން 11 އަހަރުންދަށުގެ އުމުރުފުރާގައި 7 އަންހެން އެތުލީޓުންނާއި 10 ފިރިހެން އެތުލީޓުން ވާދަކުރާނެއެވެ. އަދި 12 އަހަރުންމަތީގެ އުމުރުފުރާގައި 8 އަންހެން އެތުލީޓުން އަދި 53 ފިރިހެން އެތުލީޓުން ވާދަކުރާނެއެވެ.
މިއީ މިގޮތަށް ބޭއްވޭ 2 ވަނަ ސްޕެޝަލް އޮލިމްޕިކްސް މުބާރާތެވެ. މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެންގޮސް 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތް ކުރިއަށްދާނީ ޓްރެކް އިވެންޓުތަކާއި ފީލްޑް އިވެންޓުތައް ހިމަނައިގެންނެވެ. މިގޮތުން 50 މީޓަރާއި، 80 މީޓަރު، 100 މީޓަރު، 200 މީޓަރު 400 މީޓަރު އަދި 800 މީޓަރު ދުވުން މިމުބާރާތުގައި ކުރިއަށްދާނެއެވެ. އަދި އޭގެ އިތުރުން މިމުބާރާތުގައި މުޅިން އަލަށް 4 ގުނަ 100 މީޓަރު ރިލޭ މިފަހަރުވަނީ ހިމަނާފައެވެ.
މިމުބާރާތުގައި ކުރިއަށްދާނެ ފީލްޑް ހަރަކާތްތަކުގެ ތެރޭގައި ސޮފްޓް ބޯލް އަދި ހާޑް ބޯލް ތުރޯ އާއި ސްޓޭންޑިން ލޯންގ ޖަމްޕުވެސް ހިމެނެއެވެ. މުބާރާތުގެ ކޮންމެ ބައިވެރިއަކުވެސް 2 ޓްރެކް ހަރަކާތާއި 1 ފީލްޑް ހަރަކާތުގައި ފެނިގެންދާނެއެވެ.
މުބާރާތް ކުރިއަށްދާގޮތަށް ބަލާއިރު، ފުރަތަމަ ދުވަހަށް ތާވަލުކޮށްފަވަނީ ޑިވިޝަނިންގއެވެ. މިއީ މުބާރާތުގެ ކޮލިފައިން ބުރެކެވެ. އެގޮތުން މިބުރުގައި ވާދަކޮށް އެތުލީޓުންގެ ގާބިލުކަން ހުރި މިންވަރެއް ވަޒަންކުރުމަށްފަހު ކޮންމެ އެތުލީޓަކަށްވެސް އެންމެ އެކަށޭނަ ރޭސްތަކެއްގައި ވާދަކުރުމުގެ ފުރުސަތ ދެވޭނެއެވެ. މިފަދަ ބުރެއް މިމުބާރާތުގައި ކުރިއަށް ގެންދިއުމުގެ ބޭނުމަކީ އެތުލީޓުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް، ހަމަހަމަ އުސޫލެއްގެ ދަށުން މުބާރާތުގެ ވާދަކުރުމުގެ ފުރުސަތުފަހިކޮށްދިނުމެވެ. އަދި ކޮންމެ އެތުލީޓަކަށްވެސް ކާމިޔާބު ހޯދުމުގެ ފުރުސަތު މިބުރުގެ ސަބަބުން އިތުރުވެގެންދެއެވެ. މިމުބާރާތް ކުރިއަށްދާނީ ސްޕެޝަލް އޮލިމްޕިކްސް އިންޓަނޭޝަނަލް މުބާރާތުގެ މިންގަނޑާ އެއްގޮތަށެވެ.