ޚަބަރު

ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމުގެ ބިލު ތަސްދީޤުކުރައްވައިފި


ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖަޢާކުރުމާއި، އެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ބަޔާންކުރުމާއި، އެ އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާޙުކުރުމަށް ފާސްކުރި ބިލެކެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ޖޫން މަހު ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. މިއީ ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތައް މުރާޖައާކޮށް، ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ޤާނޫނުގައި ބަޔާންކުރުމަށާއި އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތަކެކެވެ.

މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ ބިލުގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވުޒާރަތަކާ ގުޅޭގޮތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުތައް ބޭނުންކުރުމާގުޅޭ ހުރިހާ އުސޫލުތައް ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށްވެސް ހިނގާނެއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލް އަދި އެހެން މުވައްޒަފުން ހިމެނޭހެން އެ އޮފީހުގެ މަގާމުތައް ތަރުތީބުކޮށްފައިވާގޮތުގެ އޮނިގަނޑެއް ބަންޑާރަނައިބު އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯދަންޖެހޭ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މިއިސްލާހުގައި ބަންޑާރަނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް އަދި ލީގަލް ސަޕޯޓް ސަރވިސް މުވައްޒަފުންގެ ވަޒީފާ އަދާކުރުމާ ގުޅޭ އުސޫލުތައް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައެވެ.

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް އިތުރު އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް އެ އޮފީހުން ވަނީ މީގެ ކުރިންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން، މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރެއް އޮންނަންޖެހޭކަމަށް އެ އޮފީހުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.


މިމަހުގެ 12ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރެއްވި މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.