ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީއާއި ޑިމޮކްރަސީ ކުރިއެރުވުމުގެ މުހިއްމުކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި


  • މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

  • ޑިމޮކްރަސީ ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވި

ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއާއި ޑިމޮކްރަސީ ކުރިއެރުވުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވިލާތުގެ އިއްތިހާދާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖެއަށް ކަނޑައަޅާފަ ހުންނަވާ ސަފީރު މޮރޭނޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖެއަށް ކަނޑައަޅާފަ ހުންނަވާ ސަފީރު މަރިއާ ކާމެން މޮރޭނޯ ރޭމުންޑޯ، މިހާރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވަނީ ކުރައްވާފައެވެ.

ޚާރިޖީ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް އާއި ސަފީރު މޮރޭނޯ ވަނީ ދިވެހިރާއްޖެ އާއި ވިލާތުގެ އިއްތިހާދާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ހަމަމިއާއެކު، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމުގައި ވިލާތުގެ އިއްތިހާދާ ގުޅިގެން މަސައްކުރުމުގެ މުހިއްމުކަމަށްވެސް ވަޒީރު އަލިއަޅުވާލާފައިވެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތްކުރުމާއި، ހެޔޮވެރިކަމާއި، ޑިމޮކްރަސީއާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، މި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުގައި، ކުރިއަށް އޮތް މުސްތަގުބަލުގައި ވިލާތުގެ އިއްތިހާދާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގަޔާއި ވަކިން ޚާއްޞަކޮށް ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށްކުރެވޭ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ޑރ. ޚަލީލް ދެއްވާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ސަފީރު މޮރޭނޯވެސް މިކަމުގައި އެކަމަނާގެ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އަރިހުގައި، އެ ވުޒާރާގެ ސެކްރެޓަރީ ޑޮކްޓަރ ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދު، ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސެއިން ޝިހާބްގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ހާނީ ނަޢީމް ބައިވެރިވެވަޑައިގެންނެވިއެވެ.