ޚަބަރު

ސްޕެއިންގައި ކިޔަވާ ދަރިވަރުން ވިސާ ނެގުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިފި


  • ސްޓޫޑެންޓް ލޯން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަޝްވަރާކޮށްފައިވޭ

  • ދަރިވަރުންނާ މުޢާމަލާތުކުރުމަށް ވުޒާރާގެ ވަޓްސްއެޕް ނަންބަރެއް ތަޢާރަފްކޮށްފައިވޭ

ސްޕެއިންގައި ކިޔެވުމަށް ވިސާ ނެގުމުގައި ލުއި ގޮތްތަކެއް ދަރިވަރުންނަށް ހަމަޖައްސައިދީފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަނަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.

ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެވުޒާރާއިން މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނާ އެވުޒާރާއިން އޮންލައިންކޮށް ބައްދަލުކުރި ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މާލީ ވުޒާރާއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ބައްދަލުކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލީ ވުޒާރާއިން ލަފާދެއްވީ ވަކި ދަރިވަރުންތަކަކަށް ހައްލު ހޯދައިދިނުމަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި މިހާރު އެކުލަވާލާފައިވާ އުޞޫލުތަކުގެ ތެރެއިން ހައްލު ހޯދައިދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަތީ ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވީ ސްޕެއިން ވިސާ ހޯދުމަށްވެސް ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށްވެސް މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި މިކަމަށް ކޮންމެވެސްވަރެއްގެ ހައްލެއް ޚާރިޖީ ވުޒާރާއިން ހޯއްދަވައިދެއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ދަރިވަރުގެ ބަޔޮމެޓްރިކް ޑޭޓާ ހުށައެޅުމަށްފަހު، ވަގުތީ ގޮތުން ރާއްޖެ އަންނަ ދަރިވަރުންނާއި ވަކި މުއްދަތެއްގެ ކުރިން ބަޔޮމެޓްރިކް ޑޭޓާ ހުށައަޅާފައިވާ ދަރިވަރުންގެ ޕާސްޕޯޓްތައް، ވުޒާރާ މެދުވެރިކޮށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ފޮނުވާ، ސްޕެއިން އެމްބަސީއަށް ވިސާއަށް އެދި ހުށައެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސްޕެއިންގެ ވިސާއަށް އެދި ހުށައެޅުމަށް ވިސާގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެއްކަމުގައިވާ ބީއެލްއެސް އިންޓަރނޭޝަނަލްގެ ވެބްސައިޓް މެދުވެރިކޮށް ދަރިވަރުން ދުރާލާ އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އިލްތިމާސްކުރާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވި. ސްޕެއިން ސަރުކާރާއި ބީއެލްއެސްއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އޮންލައިން އެޕޮއިންޓްމެންޓް ނިޒާމުން ބޭރުން ވިސާގެ އެޕޮއިންޓްމެންޓް ދިނުމުގެ އިޚްތިޔާރު އެމްބަސީއަށް ލިބިފައިނުވޭ." މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސްޕެއިންގައި ކިޔަވާ ދަރިވަރުންނާ މުޢާމަލާތުކުރުމަށް ވަޓްސްއެޕް ނަންބަރެއްވެސް ތަޢާރަފްކޮށްފައިވާ ކަމަށެވެ.

މިވަގުތު ސްޕެއިންގައި 127 ދަރިވަރުން ދަނީ ޕައިލެޓްކަން ކިޔަވަމުންނެވެ. މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ދަރިވަރުންގެ ތެރެއިން އިތުރު ފައިސާ ބޭނުންވެގެން ޓޮޕް އަޕް ލޯން ސްކީމަށް 72 ކުއްޖަކު ހުށައެޅި ކަމަށެވެ. އޭގެ ތެރެއިން ޝަރުތު ހަމަވާ 52 ދަރިވަރުންނަށް 7 ލައްކަ ރުފިޔާ ދޫކުރުމަށް ނިންމަވާފައިވާކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.