ދުންފަތުގެ އުފެއްދުންތައް ވިއްކުމަށް ސިއްޙީ ވުޒާރާއިން ދޫކުރާ ޚާއްސަ ލައިންސަންސް މިހާތަނަށް 200އަށް ގިނަ ފަރާތަށް ދޫކޮށްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. މި ލައިސަންސް ނަގަން ޖެހޭ ގޮތައް ޤާނޫނަށް ބަދަލުގެނެސް އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސްލާހުތަކެއް ގެނެސް، ދުންފަތުގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކުންވެސް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން، ސިއްޙީ ވުޒާރާއިން ދޫކުރާ ވަކި ޚާއްޞަ ލައިސެންސެއް ނަގަންޖެހޭގޮތައް ވަނީ ބަދަލުކޮށްފައެވެ.
އެޗްޕީއޭއިން ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ޢާއްމު ޤަވާއިދުގެ ދަށުން ދޫކުރާ ލައިސަންސަށް އެދި 17 އެޕްރީލާއި ހަމައަށް 767 އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށެވެ. މީގެ ތެރެއިން 652 އެޕްލިކޭޝަން ވެރިފައިކޮށް ނިމިފައިކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
އޭގެތެރޭގައި ތެރޭގައި ޓޮބޭކޯ ވެންޑަރ ލައިސަންސް އެދި ހުށަހެޅި 608 އެޕްލިކޭޝަނާއި ޓޮބޭކޯ ނިއު ޕްރޮޑަކްޓް ރެޖިސްޓްރޭޝަން ކުރުމަށް ހުށަހެޅި 15 އެޕްލިކޭޝަންގެ އިތުރުން ޓޮބޭކޯ އިމްޕޯޓް ލައިސަންސް އެދި ހުށަހެޅި 28 އެޕްލިކޭޝަން ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މީގެ އިތުރުން ޓޮބޭކޯ ރީ އެކްސްޕޯރޓް ލައިސަންސްއަށް އެދި 01 އެޕްލިކޭޝަން ވެރިފައިކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.
އެޗްޕީއޭއިން ވިދާޅުވީ އޭގެ ތެރެއިން 243 އެޕްލިކޭޝަން، ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން ކެންސަލް ކޮށްފައިވާކަކަމަށާއި، އިޞްލާޙުކުރަންޖެހޭ ބައެއްކަންކަން ހުރުމުން 177 އެޕްލިކޭޝަން މިވަގުތު ހުއްދަނުދީ ހިފަހައްޓާފައިވާކަމަށެވެ. އަދި އެޕްރޫވް ކުރެވިފައިވާ ނުވަތަ ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދައަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން 209 ފަރާތަކަށް މިހާތަނަށް ހުއްދަ ދީފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ސަބަބުން ލިބެމުންދާ ސިއްޙީ ގެއްލުން ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދާއެކު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރެވޭ އެންމެ ހަގު ޢުމުރަކީ 21 އަހަރުކަމަށް މިހާރުވަނީ ކަނޑައަޅާފައެވެ. އަދި ދުންފަތުގެ ބާވަތްތަކާއި ވޭޕްއިން ނަގާ ޑިއުޓީވެސްވަނީ ބޮޑުކޮށްފައެވެ.