ޚަބަރު

މަސް ދުވަސް ތެރޭގައި އީރާން ފެނަށް ޖެހިދާނެ ކަމުގެ ބިރު


އާދަޔާ ޚިލާފަށް ގިނައިން ފެން ބޭނުން ކުރަމުންދާ ނަމަ، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އީރާން ފެނަށް ޖެހުމުގެ ބިރު އޮތް ކަމުގައި ވިދާޅުވެ، ރައީސް މަސްޢޫދު ޕީޒިޝްކިޔާން އިންޒާރު ކުރައްވައިފިއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައިވާ ކަން ހާމަކޮށްފައި ވަނީ ދައުލަތުގެ މީޑިޔާއެއް ކަމުގައިވާ ތަސްނީމް ނޫސް އޭޖެންސީންނެވެ. ޕީޒިޝްކިޔާން ވިދާޅުވީ، މިއަދު ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ ކުރިއަށް އޮތް ސެޕްޓެންބަރު މަސް ފެށުމުގެ ކުރިން އީރާން ފެނަށް ޖެހުމުގެ ނުރައްކާ ބޮޑު ކަމުގައެވެ.

އާދަޔާ ޚިލާފަށް ގިނައިން ވަސީލަތްތައް ބޭނުން ކުރުމާއި، ލިބެން ހުރި ވަސީލަތްތައް ބެލެހެއްޓުމުގެ ނިޒާމު ދޯދިޔާވުމަކީ އީރާނަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މިއާ އެކު، ފެނާއި ކަރަންޓާއި ގޭސް ފަދަ ޒަރޫރީ ވަސީލަތްތައް ބޭނުން ކުރުން އެންމެ އިތުރުވާ ދުވަސްވަރުގައި، އެ ފަދަ ވަސީލަތްތައް ލިބުން ދަތިވުން ވަނީ ޢާންމުވެފައެވެ.

"ތަހްރާންގައި، އަޅުގަނޑުމެންނަށް [ފެން ބޭނުން ކުރާ މިންވަރު] ނުބެލެހެއްޓޭ ނަމަ، އަދި ބޭނުން ކުރާ މިންވަރު ކޮންޓުރޯލު ކުރުމުގައި ޢާންމުންގެ އެއްބާރުލުން ނުލިބޭ ނަމަ، ސެޕްޓެންބަރާއި އޮކްޓޫބަރު މަހުގެ ތެރޭގައި ޑޭމްތަކުގައި އެއްވެސް ފެނެއް ނުހުންނާނެ،" ޕީޒިޝްކިޔާން ވިދާޅުވިއެވެ.

އީރާންގެ ތިމާވެށި ޙިމާޔަތް ކުރުމާ ބެހޭ އިދާރާގެ ވެރިޔާ ޝީނާ އަންޞާރީ ވިދާޅުވީ ފާއިތުވި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި އީރާނަށް ވާރޭވެހޭ މިންވަރު ދަށްވެ، ހަނަފަސްކަން ކުރިމަތިވެފައިވާ ކަމުގައެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ފާއިތުވި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމަށް ވާރޭވެހޭ މިންވަރު %40އަށް ދަށްވެފައިވާ ކަމުގައެވެ. "ފެނުގެ ދަތިކަން ފަދަ ތިމާވެށީގެ ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހިފައި މި ވަނީ ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަން ނުދެވޭތީ،" އަންޞާރީ ވިދާޅުވިއެވެ.

އީރާންގެ ކަމާ ގުޅޭ އިދާރާތަކުން ބުނީ، އާދަޔާ ޚިލާފަށް ގިނައިން ފެން ބޭނުން ކުރުމަކީ ފެނުގެ ވަސީލަތްތައް ބެލެހެއްޓުމުގައި އެ ޤައުމަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު ސަބަބު ކަމުގައެވެ. ތަހްރާން ޕުރޮވިންސުގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ މައި ކުންފުނީގެ ވެރިޔާ މުޙްސިން އަރްދުކާނީ ވިދާޅުވީ، ތަހްރާންގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން %70 މީހުން ދުވާލެއްގެ މައްޗަށް 130 ލީޓަރުގެ ފެން ބޭނުން ކުރާ ކަމުގައެވެ.

އީރާންގެ އިދާރާތަކުން ބުނީ، ފެނާއި ގޭސް ފަދަ ވަސީލަތްތައް ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. އަދި، އެ ފަދަ ވަސީލަތްތައް ބެލެހެއްޓުމުގެ ނިޒާމު މުރާޖާކޮށް، އިސްލާޙު ކުރަން ޖެހިފައިވާ ކަމުގައެވެ. އީރާންގައި ލިބެން ހުރި ފެނުގެ %80 ބޭނުން ކުރަނީ އެ ޤައުމުގެ ދަނޑުވެރި ކަމުގެ ސިނާއަތުންނެވެ. 2021ވަނަ އަހަރު އީރާންގެ ހުޅަނގުދެކުނު ސަރަޙައްދުތަކުން ސާފު ބޯފެން ހުސްވެ، ފެން ލިބުން ދަތިވުމާ ގުޅިގެން ސަރުކާރާ ދެކޮޅަށް މުޒާހަރާތަކެއް ކޮށްފައިވެއެވެ.