ޚަބަރު

ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި އިމްރާން ޚާންގެ ޕާޓީއަށް ނިސްބަތްވާ 100 މީހުން ޖަލަށް


2023ވަނަ އަހަރު ހަމަނުޖެހުން ހިންގައި، އަސްކަރީ މަރުކަޒުތަކަށް ޙަމަލާދީ މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާ ސާބިތުކޮށް، ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކް އިންޞާފް (ޕީޓީއައި) ޕާޓީގެ 100އެއްހާ މެންބަރުން ޖަލަށްލުމަށް ޙުކުމް ކޮށްފިއެވެ. މިހާރު ވެސް ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޚާންގެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ޖަލަށްލުމަށް ޙުކުމް ކޮށްފައި ވަނީ ނިރުބަވެރިކަމުގެ މައްސަލަތައް ބަލާ ކޯޓަކުންނެވެ.

ޖަލު ޙުކުމް އިއްވާފައިވާ މީހުންގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގައި ޕީޓީއައި ތަމްސީލު ކުރައްވާ މެންބަރުންނާއި އެ ޕާޓީގެ އިސް އޮފިޝަލުން ހިމެނެއެވެ. އޭގެ ތެރެއިން 58 މީހަކު 10 އަހަރު ދުވަހަށް ޖަލަށްލުމަކާށާއި، ބާކީ ތިބި މީހުން އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

ޖަލު ޙުކުމާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައިވާ ބޭފުޅުންގެ ތެރޭގައި ޕީޓީއައިގެ އިސް އޮފިޝަލުން ކަމުގައިވާ ޢުމަރު އައްޔޫބު ޚާނާއި ޝިބްލީ ފަރާޛު ހިމެނި ވަޑައިގަންނަވައެވެ. އެއީ، ޤާނޫނު ހަދާ މަޖިލީހުގައި ޕީޓީއައި ތަމްސީލު ކުރައްވާ ދެ ބޭފުޅެކެވެ. "ދަޢުވާއާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ މައްޗަށް ދަޢުވާ ސާބިތުވާ ކަމުގެ އެއްވެސް ޝައްކެއް ނެތް މިިންވަރަަަށް ޕްރޮސެކިޔުޝަނުން ވަނީ ސާބިތުކޮށްދީފައި،" ކޯޓުގެ ޙުކުމުގައި ބުނެފައިވެއެވެ.

ޚާން ޖަލަށް ލާފައި ވަނީ 2023ވަނަ އަހަރުއެވެ. އޭނާއާ ދެކޮޅަށް ޚިޔާނަތާއި، ޤާނޫނާ ޚިލާފަށް ބިން ވިއްކެވުމާއި، ދައުލަތުގެ ސިއްރުތައް ހާމަ ކުރެއްވުމުގެ ދަޢުވާ ވަނީ އުފުލާފައެވެ. އަދި، އެ ދަޢުވާތަކުގެ ޝަރިޢަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން، 2023ވަނަ އަހަރުގެ މޭ މަހުގެ 9ވަނަ ދުވަހު ހިންގާފައިވާ ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވުމުގެ ކުށުގެ ދަޢުވާ ވެސް އޭނާ މައްޗަށް ވަނީ އުފުލާފައެވެ.

ޕާކިސްތާންގެ ސަރުކާރުން ޤަބޫލު ކުރާ ގޮތުގައި، އެ ހަމަނުޖެހުންތަކުގެ އިސް މޭސްތިރިއަކީ ޚާނެވެ. އެ ހަމަނުޖެހުންތައް ފެށިގެން ދިޔައީ، ޚާން ހައްޔަރު ކުރުމާ ގުޅިގެން ފެށި ބިޔަ މުޒާހަރާތަކަކުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ، އަސްކަރިއްޔާއާއި ސަރުކާރުގެ އިމާރާތްތަކަށް ޙަމަލާދީފައެވެ. އޭގެ ތެރޭގައި ރާވަލްޕިންދީގައި ހުރި އަސްކަރިއްޔާގެ މައި މަރުކަޒު ވެސް ހިމެނެއެވެ.

މުޒާހަރާތަކާއި ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވުމުގެ ދަޢުވާއަށް ޚާން އިންކާރު ކުރައްވައެވެ. އޭނާ ސިފަ ކުރައްވާ ގޮތުގައި، އެއީ ސިޔާސީ މަޤުޞަދެއްގައި އޭނާއާ ދެކޮޅަށް އުފުލާފައިވާ ދަޢުވާއެކެވެ. އަދި، އެ ކަމުގެ ފަހަތުގައި އޮތީ ޕާކިސްތާންގެ ބާރު ގަދަ އަސްކަރިއްޔާ ކަމުގައި އޭނާ ތުހުމަތު ކުރައްވައެވެ. ނަމަވެސް، އަސްކަރިއްޔާއިން އެ ތުހުމަތު ދޮގު ކުރެއެވެ.

ޕީޓީއައިން ބުނީ، ޖަލު ޙުކުމާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާފައިވާ މީހުންގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރައްވާ 14 މެންބަރުން ހިމެނޭ ކަމުގައެވެ. އަދި، އެ މީހުންނާ ދެކޮޅަށް އިއްވާފައިވާ ޙުކުމް އިސްތިޢުނާފު ކުރާނެ ކަން ވެސް އެ ޕާޓީން ހާމަކުރިއެވެ. ޖަލު ޙުކުމާ އެކު އެ 14 މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. ޚާން ޖަލަށްލި ދުވަހަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ޕީޓީއައިން މިހާރު ދަނީ އިތުރު މުޒާހަރާތަކެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އެ މުޒާހަރާތައް ފަށާނީ އޮގަސްޓު 5ވަނަ ދުވަހުއެވެ.