ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން، ތަޢުޒިޔާގެ ދަފުތަރެއް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އަލްމަރްޙޫމް ޙަސަން ޞާބިރު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާގައި ކަމަށްވާތީ، ދަފްތަރު ހުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގައެވެ. މި ދަފްތަރު ހުޅުވިފައި އޮންނާނީ، މި ޖުލައި މަހުގެ 31 ވާ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 1:00 އަށެވެ.
ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި 29 ޖުލައި އިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވީ، އިއްޔެއެވެ. ރަސްމީ ޢިއްޒަތުގައި އެމަނިކުފާނު ފަސްދާނުލާފައިވަނީ ގަލޮޅު ސަހަރާގައެވެ. އަލްމަރްޙޫމް ޙަސަން ޞާބިރަކީ، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި އެ މަނިކުފާނު ފާހަގަވެގެންދަނީ ދިވެހި ޤައުމުގެ އިޤްތިޞާދާބެހޭ ދާއިރާތަކުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
ޚާއްޞަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ރާއްޖެއިން ބޭރު ޤައުމުތަކުގައި އިޝްތިހާރު ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި އަދި ރާއްޖޭގެ ޚާރިޖީ ދާއިރާގައި، ރާއްޖެއާއި އެކި ޤައުމުތަކާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައްވެސް ފާހަގަކޮށްލަންޖެހެއެވެ.
ޙަސަން ޞާބިރަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވާފައިވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެމަނިކުފާނަށް މި ޝަރަފު އަރުވާފައިވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައާއި ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ޚާއްސަކޮށް މަސްވެރިކަމުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރުކަމުގެ ދާއިރާގެ މަޤާމުގައި ހުންނަވައިގެން އެ ދާއިރާތަކުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ޤައުމީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާތީއާއި ޚާރިޖީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.