ޚަބަރު

އދގެ މުވައްޒަފުންގެ ގޮތުގައި ޙަމާސްގެ ހަނގުރާމަވެރިން ޙަރަކާތްތެރިވާ ކަމަށް ޔަހޫދީން ބުނާތީ އެ ކަމުގެ ހެކި ދައްކަން ގޮވައިލައިފި


އދގެ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އިދާރާ، އޯސީއެޗްއޭއާއި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ހަނގުރާމަވެރިންނާ ގުޅުމެއް އޮންނަ ކަމަށް ޔަހޫދީން ތުހުމަތުކޮށްފައިވާތީ، އެ ތުހުމަތަށް ބާރުދޭ ހެކި ދެއްކުމަށް އެ އިދާރާގެ އިސްވެރިޔާ، ޓޮމް ފްލެޗަރ ގޮވާލައްވައިފިއެވެ.

ޖުލައި މަހުގެ 23ވަނަ ދުވަހު ބޭއްވި އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ޔަހޫދީން ފަރާތުން އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު، ޑެނީ ޑެނޮން ވަނީ އޯސީއެޗްއޭއަކީ މިހާރު ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން މުސްތަޤިއްލު އިދާރާއެއް ނޫން ކަމަށް ތުހުމަތުކޮށްފައެވެ. އެހެންކަމުން ފަލަސްޠީނުގައި ޙަރަކާތްތެރިވާ އެތައް ސަތޭކަ އޯސީއެޗްްއޭގެ މުވައްޒަފުން ޔަހޫދީން ބަލައި ފާސްކުރާނެ ކަމަށާއި އޯސީއެޗްއޭގެ މުވައްޒަފުންނަށް ދޫކުރާ ވިސާގެ މުއްދަތު އެއް މަސް ދުވަހަށް ކުރުކުރާނެ ކަމަށް ވެެސް އޭނާ ވަނީ ބުނެފައެވެ. އޯސީއެޗްއޭގެ ބައެއް މުވައްޒަފުންނާއި ޙަމާސްއާ ގުޅުން އޮންނަ ކަމުގެ ސާފު ހެކި ލިބިފައިވާ ކަމަށް ވެސް އެ މަޖިލީހުގައި އޭނާ ބުނެފައިވެއެވެ. ނަމަވެސް އެ ކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.

އދގެ ސަލާމަތީ މަޖިލީހަށް ޖުަލައި މަހުގެ 24ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި ފްލެޗަރ ވިދާޅުވީ ޑެނޮންގެ ވާހަކަތަކަކީ އެ ފަދަ ކަންބޮޑުވުމެއް އެއްވެސް ފަރާތަކުން ފާޅުކުރި ފުރަތަމަ ފަހަރު ކަމަށާއި އެ ތުހުމަތުތަކަކީ ވަރަށް ބޮޑެތި ތުހުމަތުތަކެއް ކަމަށެވެ. އެ ތުހުމަތުތަކުގެ ސަބަބުން އޯސީއެޗްއޭގެ މުވައްޒަފުންނަށް ސަލާމަތީ ގޮތުން އަސަރުކުރާ ކަމަށް ވެސް އެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. އދގެ ސަލާމަތީ މަޖިލީހުގައި އެ ފަދަ ބޮޑު ތުހުމަތެއް ކުރުމަށް ޔަހޫދީންނަށް ބާރު ލިބޭ އެންމެހާ ހެކި މިހާރުން މިހާރަށް ޙިއްޞާ ކުރުމަށް އެދޭ ކަމަށް އެ ސިޓީގައި ފްލެޗަރ ވިދާޅުވެފައިވެއެވެ.

ފްލެޗަރ އިތުރަށް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެހެން ތަންތަނުގައި ވެސް ހަތިޔާރުއެޅި ޖަމާޢަތްތަކާ ގުޅިގެން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ އިދާރާއިން މަސައްކަތް ކުރާ ކަމަށެވެ. އޭގެ އިތުރުން، އިންސާނީ އުސޫލުތަކަށް އިހްތިރާމު ކުރުމަށް ހިތްވަރުދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޯސީއެޗްއޭއާއި ޙަމާސްއާ ދެމެދު ކޮށްފައިވާ މުއާމަލާތްތަކުގެ ސަބަބުން ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަން ކުރުމަށް އެހީތެރިކަން ލިބުނުކަން ވެސް ޔަހޫދީންނަށް ކަނޑައެޅިގެން އެނގޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން އެ ސަހަރަށް ދޭން ފެށި ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 60،000އެއްހާ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެ ސަހަރު ވަނީ އެއްކޮށްހެން ސުންނާފަތިކޮށްލައިފައެވެ. ޔަހޫދީން ދަނީ ޣައްޒާގެ ރައްޔިތުންނަށް އެހީގެ ސާމާނު ލިބޭނެ މަތުގައް ބަންދުކޮށް، އެ މީހުން ބަނޑަށް ޖައްސަމުންނެވެ.