ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 59،000އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ޙަމަލާތަކުގައި އެ ސަހަރުގެ 143،000 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ޔަހޫދީންގެ ލާއިންސާނީ ޙަަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާއިރު، ކާބޯތަކެއްޗާއި އެހީގެ ސާމާނު ނުލިބުމުގެ ސަބަބުން އެ މީހުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ. ޣައްޒާގައި އެހީގެ ސާމާނު ބެހުމަށް ޔަހޫދީން ބޭނުންކުރާ ނިޒާމަކީ ޣައްޒާގެ ރައްޔިތުން ޝިކާރަކުރާ ނިޒާމެކެވެ. އެހީގެ ސާމާނު ބަހާ މަރުކަޒުތައް ދޮށަށް ދާ ޣައްޒާގެ ރައްޔިތުން ޔަހޫދީން ދަނީ ޝަހީދުކުރަމުންނެވެ. އެ ފަދަ ޙަމަލާތަކުގައި ފާއިތުވީ ދެމަހެއްހާ ދުވަހުގެ ތެރޭގައި 900އެއްހާ މީހުން ޝަހީދުވެފައިވާއިރު، ބަނޑަށް ޖެހުމުގެ ސަބަބުން ވެސް 115އަށްވުރެެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 80 ކުޑަކުދިން ވެސް ހިމެނެއެވެ. ޔަހޫދީންގެ މި ޢުދުވާންތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން މިއަދު ވަނީ ގޮތް ހުސްވެ، އުންމީދު ގެއްލިފައެވެ. ޣައްޒާއާމެދު ޔަހޫދީން ގެންގުޅޭ ނިރުބަވެރި ސިޔާސަތުގެ ސަބަބުން އެ ސަހަރަކީ މިހާރު މީހުންނަށް ދިރިއުޅޭވޭ ފަދަ ސަރަހެއް ނޫނެވެ.
ހަނގުރާމައާއި އަނިޔާވެރިކަމުގެ ސަބަބުން ކުރާ އަސަރުތަކާގުޅޭ ލިޔުންތައް ލިޔުއްވާ އިނގިރޭސިވިލާތުގެ ސައިކޭޓްރިސްޓެއް ކަަމަށްވާ ޑެރެކް ސަމަރފީލްޑް ވެސް ވަނީ އެކަން ފާހަގަކުރައްވައިފައެވެ. ޑެރެކް ވިދާޅުވީ ޔަހޫދީން ދެމުންދާ އަނިޔާތަކުގެ ސަބަބުން މުޖުތަމަޢުއެއްގައި ފުރިހަމަވާންޖެހޭ ހުރިހާ ކަމެއް ޣައްޒާއިން ނެތި ފަނާވެގެން ގޮސްފައިވާ ކަމަށެވެ. މުޖުތަމަޢުއަށް ޚިދުމަތްކުރާ ހަސްފަތާލުތަކާއި މިސްކިތްތަކާއި މަދަރުސާތައް ފަދަ ތަންތަން ޙަމަލާތަކުގައި ސުންނާފަތިކޮށްލާފައިވާ ކަމަށާއި، ޔަހޫދީންގެ މި އަމަލުތަކަކީ މުޖުތަމަޢުއެއް ނައްތާލުމަށް ކުރާ ހަނގުރާމައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ. ޣައްޒާގެ ރައްޔިތުންނަށް މިހާރު ކުރެވެނީ ދެން އިތުރަށް ކެތް ނުކުރެވޭނެކަމުގެ އިޙްސާސް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
ޣައްޒާގެ ރައްޔިތުން ބިރުވެރިކަމުގެ ތެރޭގައި ދުވަސްތައް ހޭދަކުރަމުންދާއިރު، އެ މީހުންނަށް ވަނީ ނަފްސާނީ ގޮތުން ވެސް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. މި އުނދަގޫ ޙާލަތުގައި އުނދަގޫ ނިންމުންތައް ނިންމުމަށް ވެސް އެ މީހުންނަށް ވަނީ މަޖުބޫރުވެފައެވެ. ޣައްޒާއަށް ކުރިމަތިވެފައިވާ ޙާލަތުން ސަލާމަތްވެވޭތޯ އެއް ބަޔަކު މަސައްކަތް ކުރަމުންދާއިރު، އަނެއް ބަޔަކު ތިބީ އެއްވެސް ޙާލެއްގައި ޣައްޒާ ދޫކޮށް ނުދިޔުމަށް ޢަޒުމު ކަނޑައަޅައިގެންނެވެ.
ޔަހޫދީން ޣައްޒާއަށް އެހީގެ ސާމާނު ވެެއްދުން ހަނިކުރުމާގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުމުން ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކުން ވަނީ އެ ކަމާމެދު ކަންބޮޑުވުން ފާޅުކޮށް، ލަހެއް ނުވެ ނުވެ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހި މަރުވާން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ. އެ އިންޒާރު މިހާރު ހަޤީޤަތަކަށް ވެފައިވާއިރު، ޣައްޒާގެ އާއްމު ރައްޔިތުންނެކޭ އެއްގޮތަށް ނޫސްވެރިންނާއި އިންސާނީ އެހީ ފޯރުކޮށްދޭ ޚިދުމަތްތެރިން ވެސް ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ.
ޖުލައި މަހުގެ 23ވަނަ ދުވަހު، އެހީދޭ 100އަށްވުރެ ގިނަ ޖަމްޢިއްޔާއިން ވަނީ ޔަހޫދީން އދއާއެކު މަސައްކަތްކޮށް، ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީންނަށް ގޮވާލައިފައެވެ. އޭގެ އިތުރުން، އަލްޖަޒީރާ ނޫހުން ވެސް ވަނީ ޣައްޒާގައި ތިބި އެންމެހާ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޔަހޫދީންނަށް ގޮވާލައިފައެވެ. ގިނަ ނޫސްވެރިން މިހާރު ތިބީ ބަނޑުހައިހޫނުކަމާއި ޞިއްޙީ މައްސަލަތަކުގެ ސަބަބުން ޚަބަރު ފޯރުކޮށްދެވޭ ފަދަ ޙާލަތެއްގައި ނޫން ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ. އޭއެފްޕީއިން ވެސް ވަނީ އެ ކަމަށް ގޮވާލައިފައެވެ.
ޓަފްޓްސް ޔުނިވަސިޓީގެ ވޯލްޑް ޕީސް ފައުންޑޭޝަންގެ އެކްސެކެޓިވް ޑިރެކްޓަރު، އެލެކްސް ޑި ވާލް ވިދާޅުވީ ބަނޑުަހައިހޫނުކަމަކީ ހަމައެކަނި ޖިސްމާނީ ގޮތުން އަސަރުކުރާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެއީ އޭގެ ސަބަބުން ނަފްސާނީ މައްސަލަތައް ވެސް ކުރިމަތިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެލެކްސް ޑި ވާލް ވިދާޅުވީ ބަޔަކު ބަނޑަށް ޖެއްސުމުން އެ ބައެއްގެ އިންސާނީ ކަރާމާތް ގެއްލިގެންދާ ކަމަށެވެ. ކާނޭ އެއްޗެއް ލިބޭތޯ އަދި ދިރިހުރުމަށް ކުރަންޖެހޭ މަސައްކަތުގެ ތަޖުރިބާއަކީ، ބަނޑުހައިހޫނުކަން ތަހައްމަލްކުރާ މީހާ ހަނދާނުގައި ބަހައްޓަން ބޭނުންވާނެ ކަންތައްތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ގިނަ ޙާލަތްތަކުގައި ބަޔަކު ބަނޑަށް ޖެއްސުމަކީ ޖިނާޢީ ކުށެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެލެކްސް ޑި ވާލް އިތުރަށް ވިދާޅުވީ ބަނޑަށް ޖެހުމަކީ އެއް ދުވަހެއް ދެ ދުވަހަކުން ވާ ކަމެއް ނޫން ކަމަށެވެ. ބޮމެއް ވައްޓާލައި ގެއްލުން ދިނުމާ ޚިލާފަށް، އެއީ އެ ކަމަށް ގިނަ ވަގުތުނަގާ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބަނޑުހައިހޫނުކަމުގެ އިންތިހާއަށް ދިއުމަށް 60 ދުވަހާއި 80 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގާފާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ އަމަލުތަކުގެ ސަބަބުން ޣައްޒާގެ އާބާދީ ބަނޑަށް ޖެހެމުންދާކަމުގެ އިންޒާރު އެތައް ފަހަރެއްގެ މަތިން ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެެވެ.
“މިއީ ކުޑަކުދިންތަކެއް ބަނޑަށް ޖެއްސުމަށްވުރެ ބޮޑު ކަމެއް. މިއީ މުޖުތަމަޢުއެއް ރޫޅާލައި، އެ މުޖުތަމަޢުގެ ރައްޔިތުން ނިކަމެތިކޮށްލައި ގޮތް ހުސްކޮށްލުވާ އަމަލެއް. އަނިޔާދޭ ފަރާތުން އަނިޔާ ތަހައްމަލް ކުރަމުންދާ މީހުންނަކީ އިންސާނުން ކަމަކަށް ނުދެކޭ،” ޑި ވާލް ވިދާޅުވިއެވެ.
ފާއިތުވި 21 މަސް ދުވަހު ޔަހޫދީން ބަމުން ދިޔައީ ޣައްޒާއަށް ދެމުންދާ ޙަމަލާތަކަކީ އެ ސަހަރުގައި ވެރިކަންކުރާ ޙަމަާސް ޖަމާޢަތް ނައްތާލުމަށް ދެމުންދާ ޙަމަލާތަކެއް ކަމަށެވެ. އަދި ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން ސަލާމަތްކުރުމަށް ދެމުންދާ ޙަމަލާތަކެއް ކަމަށެވެ. ނަމަވެސް ޣައްޒާއަށް އަމާޒުކޮށް ޔަހޫދީން ދެމުންދާ ކޮންމެ ޙަމަލާއަކުން ފެނިގެން ދަނީ އެ މީހުންގެ ޢަމަލުތަކުގެ ސަބަބުން ކުރިމަތިވާ އިންސާނީ މައްސަލަތަކާމެދު އެއްވެސް މިންވަރަކަށް ނުވިސްނާ މަންޒަރު ކަމަށް މަސްރަހު ދިރާސާކުރާ ތަޖުރިބާކާރުން ފާހަގަކުރެއެވެ. ޔަހޫދީންގެ މަޤްސަދަކީ ޣައްޒާގެ ރައްޔިތުންނަށް އަދަބެއް ދީ، ގަސްތުގައި އެ މީހުން ބަނޑަށް ޖެއްސުން ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
އެ ފަދަ ބޭފުޅެއް ކަމަށްވާ ޔޮސީ މެކެލްބަރގް ވަނީ ބަޔަކު ބަނޑަށް ޖެއްސުމަކީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ސިފަކުރެވިދާނެތޯއާމެދު ސުވާލު އުފައްދަވައިފައެވެ. ޔަހޫދީންގެ ސިޔާސަތުތައް ކަނޑައެޅުމުގައި ޔަހޫދީންގެ ހައްދުފަހަނައެޅި ވަޒީރުން ބޭނުންވަނީ ޣައްޒާގެ ރައްޔިތުން އެ މީހުންގެ އަމިއްލަ ގެދޮރާއި ރަށުން ބޭރުކޮށްލުމަށް ކަަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމަކީ އެ ކަން ޙާޞިލް ކުރުމަށް ދުރާލައި ރާވައިގެން ދެމުންދާ އަނިޔާއެއް ކަމެއް ނުވަތަ ދަނޑިވަޅުގެ ބޭނުން ހިފައި ނިންނި ނިންމުމެއްކަން ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ފަހަތުގައި ތިބި މީހުންގެ އަމާޒަކީ ސިޔާސީގޮތުން ކުރިއެރުން ހޯދައި، ވެރިކަމުގައި ދެމިތިބުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޣައްޒާއަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގެ އަސަރު އެތައް ޖީލަކަށް ދެމިގެންދާނެ ކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ. މި ހަނގުރާމައިން ސަލާމަތްވާ މީހުންނަށް ހަނގުރާމައިގެ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ފަސޭހަނުވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. އަދި ދަރިންގެ ދަރިންނަށް ދާންދެން މި އަސަރުތައް ދެމިއޮންނާނެ ކަމަށް ވިދާޅުވެއެވެ. މި ޙާލަތުގައި ޣައްޒާ ދޫކޮށް ދާ މީހަކަށް ވަޒަނަށް އަލުން އަނބުރާ އާދެވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ވެސް އެ ބޭފުޅުން ފާހަގަކުރައްވައެވެ.
އެއް ބޭފުޅާކު ވިދާޅުވި ގޮތުގައި ޔަހޫދީން ޣައްޒާގައި މިހާރު ގެންގުޅޭ އުކުޅަކީ ޣައްޒާއަކީ ދިރިނޫޅެވޭ ވަރު ތަނަކަށް ހެދުމެވެ. ޣައްޒާގެ ޙާލަތު އެ ފަދަ މިންވަރަކަށް ގޯސްކޮށްލައި، ހަމައެއާއެކު ޣައްޒާގައި ހަލަބޮލިކަމާއި ނުތަނަވަސްކަން އިތުރުކުރުމުން އެ ތަނެއްގައި ދިރިއުޅޭ ބަޔަކު އެ ތަން ދޫކޮށް ދިޔުަމަށް ފަސްނުޖެހޭނެ ކަމަށް ޔަހޫދީން އުންމީދުކުރާ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޣައްޒާގެ ރައްޔިތުން ގެދޮރާއި ވަޒަނުން ފައްސައިލުމަށް ފަހު އެ މީހުންނަށް ޣައްޒާއަށް އަނބުރާ ނާދެވޭނެ ގޮތް ހެދުމަކީ ޔަހޫދީންގެ ރޭވުން ކަމަށް އޭނާ ވިދާުޅުވިއެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުހެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޙަމަލާދޭން ފެށިފަހުން ނޫސްތަކުގެ ފަލަ ސުރުޚީއަށް ޣައްޒާގެ ވާހަކަތައް ނާރައި ދުވަހެއް ނުވެއެވެ. ފާއިތުވި ހަފްތާތަކުގައި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދާ ވާހަކައާއި ޔަހޫދީން ޣައްޒާ ސުންނާފަތިކޮށްލާފައި އޮތް އޮތުމާއި، މި ހުރިހާ ކަމެއް ހިނގަމުންދާއިރު ބައިނަލްއަޤްވާމީ ދުނިޔެއިން ބުނަމުންދާ ބަސްތައް ނޫސްތަކުގައި ދަނީ ޝާއިޢުކުރަމުންނެވެ. ނަމަވެސް، ޢުދުވާން ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ވެސް ކޮންމެވެސް ސިފައެއްގައި ކުރިއަށްދާއިރު، އަދި ޔަހޫދީންގެ ޢަމަލުތައް ހުއްޓައިލުމަށް ގޮވާލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާކުރަމުން ދިޔަ ނަމަވެސް ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތައް މަޑުޖައްސައިލުމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. އެއާއެކު ޣައްޒާގެ ހަނަފަސް ބިންތަކުގައި އެ ސަހަރުގެ ރައްޔިތުން މިއަދު ވަނީ ބަނޑަށް ޖެހި، އެކަހެރިވެ، ޔަހޫދީންގެ ޝިކާރައަށް ވެފައެވެ.