ޚަބަރު

ރައީސްގެ ނ. އަތޮޅު ދަތުރުފުޅުގެ ފަހު މަންޒިލަކަށް ޅޮހި


  • މިއީ ރައީސްގެ މިދަތުރުފުޅުގައި ވަޑައިގަންނަވާ އެންމެ ފަހު ރަށް

  • ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ

  • މި ދަތުރުފުޅުގައި ނ. އަތޮޅުގެ 13 ރަށަކަށް ރައީސް ވަނީ ވަޑައިގެންފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީ ޅޮއްސަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޅޮއްސަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވުމަށް ގިނަ ބަޔަކުވަނީ ބަނދަރު ސަރަހައްދަށް އެއްވަފައެވެ. ޅޮއްސަކީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 13ވަނަ ރަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ވަޑައިގަންނަވާ އެންމެ ފަހު ރަށެވެ.

މިދަތުރުފުޅުގައި ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޅޮހީގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުގެ ތެރެއިން ޅޮހީގައި އަލަށް އިމާރާތްކުރާ ފިޓްނެސް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ޅޮހީގެ އައުޓްޑޯ ޖިމް ގެ މަސައްކަތް ފައްޓަވައިދެއްވުމަށްވެސް ވަނީހަމަ ޖެހިފައެވެ.