ހުރްމުޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ސާފުނުކުރާ ތެޔޮ އުފުލާ ދެ ޓޭންކަރެއް، ކަނޑުއަޑީގެ މައިންތަކެއްގައި ޖެހިގެން ރޯވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އީރާނުގެ އިންޤިލާބީ ފައުޖު، އައިއާރްޖީސީގެ ކަނޑުގެ ސިފައިންނާ ޙަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި، މި ދެ ޓޭންކަރަކީ ވެސް ގާތްގަނޑަކަށް ދެ މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ބަރުކޮށްގެން ދަތުރުކުރި އުޅަނދުތަކެކެވެ. ނަމަވެސް، މި ހާދިސާ ހިނގި ސީދާ ގޮތެއް އެއްވެސް ފަރާތަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޓޭންކަރުތައް ދަތުރުކޮށްފައިވަނީ ލޮކޭޝަން ދެނެގަންނަ ޓްރެކިންގ ނިޒާމުތަކާއި ރާޑަރުތައް ނިއްވައިލުމަށްފަހު، ހުއްދަ ދީފައިނުވާ މަގަކުންނެވެ. އަދި މައިނުގައި ޖެހުމުގެ ސަބަބުން އޭގެ ތެރެއިން އެއް އުޅަނދުގެ އިންޖީނު ހުއްޓި، ދަތުރުނުކުރެވޭ ހާލަތަކަށް ގޮސްފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ، ދުނިޔޭގެ ތެލުގެ ބޮޑުބައެއް އުފުލާ އެންމެ މުހިންމު ކަނޑުގެ މަގު ކަމަށްވާ، ހުރްމުޒް ކަނޑުއޮޅީގެ މަސްރަޙު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއާއި ޔަހޫދީންގެ ނިރުބަވެރި ދައުލަތް ގުޅިގެން އީރާނާ ދެކޮޅަށް ހިންގަމުންދާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ވިޔަފާރި ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް އެޅި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ތަކެތީގެ އަގު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.
ކަނޑުދަތުރުފަތުރާ ބެހޭ އިދާރާތަކުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، މިދިޔަ ބުދަ ދުވަހުވެސް މި ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ދެ އުޅަނދަކަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި އެ ދެ އުޅަނދު ވަނީ އަޑިއަށްގޮސްފައެވެ.
ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ސަރަހައްދުގައި ހަމަލާތައް ދިނުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އީރާނުން ބުނަމުންދަނީ މިއީ އެ ޤައުމުގެ ބަނދަރުތައް އެމެރިކާއިން ބަންދުކޮށް، މިދިޔަ މަހު އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ރައްދުގައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ.